20 Dec 2020, 09:51
ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޑްރާމާ ސިލްސިލާ “ރޭޝަމް” ބައިސްކޯފުން ސްޓްރީމްކުރަން ފަށައިފި އެވެ.
މީގެ 21 އަހަރުކުރިން ޓީވީއެމުން ގެނެސްދިން ރޭޝަމް ސިލްސިލާ އަކީ ޑައިރެކްޓަރު އަބްދުލް ފައްތާހު ޑައިރެކްޓްކުރި ސިލްސިލާއެކެވެ. ޖުމުލަ 22 އެޕިސޯޑު ހިމެނޭ މި ސިލްސިލާ އަކީ އާންމުންގެ ބޮޑު ތާއީދެއް ހޯދި ރީތި ޑްރާމާއެކެވެ. ދިވެހި ފިލްމު އިންޑަސްޓްރީ ދުށް އެންމެ މަޝްހޫރު ތަރިންގެ ތެރޭ ހިމެނޭ މަރިޔަމް ނިޝާ ލީޑު ރޯލުން ފެނިގެންދާ ރޭޝަމް ސިލްސިލާ ގެ ކާސްޓުންގެ ތެރޭގައި ފައުޒިއްޔާ ހަސަން، މަރިޔަމް ނާޒިމާ އަދި އައްސަދު ޝަރީފު ފަދަ ތަރިންގެ އެކްޓިން ފެނިގެންދިޔަ އެވެ. އަދި މީގެން ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ (މަރަދޫ ރަޝީދާ) ވެސް ފެންނާނެ އެވެ.
މީގެ ކުރިން ދައްކާފައި ހުރި ބައެއް މަޝްހޫރު ސިލްސިލާތައް މިހާރު ވެސް ބައިސްކޯފު މެދުވެރިކޮށް ފެންނާނެ އެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބު އާ ފިރިމީހާ މުހައްމަދު މަނިކުގެ ރަން ޒަމާނުގައި ކުޅުނު "ތިއޭ މި ހިތުގެ ވިންދަކީ" ހިމެނެ އެވެ. އެ ސިލްސިލާ އަކީ އޭރު ދިވެހިންގެ މެދުގައި ވަރަށް މަގްބޫލުވެގެން ދިޔަ ސިލްސިލާއެކެވެ. މީގެ އިތުރުން ވެސް ނިއުމާ މުހައްމަދު އާ އަހްމަދު އާސިމް އަދި ލުފްޝާން ޝަކީބު ލީޑު ރޯލުން ފެނިގެންދިޔަ ސިލްސިލާ “ވައިރޯޅިއަށްވެސް ސިއްރުން” ވަނީ ބައިސްކޯފުގައި ސްޓްރީމްކޮށްފަ އެވެ.