20 Dec 2020, 09:22
ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު 32، ހުކުރު ދުވަހު އިންސްޓަގްރާމަށް ލީ ފޮޓޯއިން އެންމެންގެ މޫނު މައްޗަށް ވެރިވީ ހައިރާންކަމެވެ.
ނެހާ އާ އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންހް އާއެކު ނަގާފައިވާ ފޮޓޯ އިން ފެންނަނީ ނެހާ ބަނޑުބޮޑުކަމަށެވެ. އަދި އެ ފޮޓޯގެ ކެޕްޝަނުން ވެސް އޭނާ ބަނޑުބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރީ އެވެ. އެ ފޮޓޯ ލުމާއެކު ބޮލީވުޑްގައި މަސައްކަތްކުރާ އެތައް ފަންނާނުންނެއް ނެހާގެ ދެމަފިރިންނަށް މަރުހަބާ ކީ އިރު ނެހާ ހަގީގަތުގައި ވެސް ބަނޑުބޮޑު ކަމަށް ނިންމީ އޭނާގެ ބޭބެ ޓޯނީ ކައްކަރު އެ ޕޯސްޓަށް ކޮމެންޓްކުރުމުންނެވެ. އެ ކޮމެންޓުގައި ޓޯނީ ބުނީ އޭނާ ބޮޑުބޭބެ އަކަށް ވަނީ ކަމަށެވެ.
އެ ފޮޓޯ އިން ހަމަގައިމުވެސް އާންމުންގެ ސަމާލުކަން ނެހާ ހޯދައިފި އެވެ. ނަމަވެސް ނެހާ ބަނޑުބޮޑެއް ނޫނެވެ. އެއީ އޭނާ ޖައްސާލި މޮޅު ޕަބްލިކް ސްޓަންޓެކެވެ. ފިރިމީހާ ރޯހަން އާއެކު ފެނިގެންދާ ވީޑިއޯ ލަވަ ޕްރޮމޯޓް ކޮށްލީ އެވެ. "ޚިޔާލު ރައްކާ ކަރް" ގެ ނަމުން ނަންދީފައިވާ އެ ލަވައަކީ އަންނަ އަންގާރަ ދުވަހު ރިލީޒްކުރާ ލަވައެކެވެ.
މި ލަވަ ކީ ވެސް ދެމަފިރިންނެވެ. ނޭހާ އަކީ ސޮނީ ޓީވީން މިހާރު ގެނެސްދޭ "އިންޑިއަން އައިޑޮލް" ސީޒަން 12 ގެ ޖަޖެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ނެހާ ކައިވެނި ކުރިއިރު އޭނާ ޕޯސްޓްކުރި ފޮޓޯއިން ނެހާގެ ބަނޑު މާ ބޮޑުކަން ދައްކުވައިދޭތީ ގިނަ މީހުން ވަނީ ނެހާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަަ އެވެ. ކައިވެނީގެ ކުރިން ބަލިވެ އިން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި އެވެ. ނަމަވެސް މީގެ ހަގީގަތް މިހާރު މިއޮތީ އެނގިފަ އެވެ.
މީގެ ކުރިން ވެސް ނެހާ ވަނީ މިފަދަ ސްޓަންޓެއް ޖައްސާފަ އެވެ. ނިމިދިޔަ އައިޑަލްގެ ހޯސްޓް އަދިތްޔާ ނާރަޔަންއާ ކައިވެނިކުރަން އުޅެނީ ކަމަަށް ބުނެ އާންމުންގެ ސަމާލުކަން އަތުލައިގަތެވެ. ނަމަވެސް ފަހުން އެނގުނީ އެއީ ޝޯ ޕްރޮމޯޓްކުރަން ޖެއްސި ސްޓަންޓެއް ކަމަށެވެ.