20 Dec 2020, 08:28
ލަންޑަން (ޑިސެމްބަރު 20): އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19އިގެ އާ ސްޓްރެއިންއާ ހެދި އެގައުމުން ބައެއް ސަރަހައްދުތަކުގައި ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާކަން ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާންކުރައްވައިފި އެވެ.
އިނގިރޭސިވިލާތުން މީގެ ކުރިން ނިންމާފައި އޮތީ ކްރިސްމަސް ފާހަގަ ކުރުމުގެ ގޮތުން އަންނަ ބުދަ ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމަޔަށް އެއްވެ އުޅުމުގެ ގަވާއިދުތައް ލުއި ކުރާށެވެ. ނަމަވެސް އެގައުމުގައި ލަންޑަން ހިމެނޭ ސައުތުއީސްޓު ސަރަހައްދުގައި ވައިރަސް ހަލުވި ކަމާ އެކު ފެތުރެމުންދާތީ ފިޔަވަޅުތައް ހަރުކަށި ކުރަން ޖޯންސަން ވަނީ ނިންމަވާފަ އެވެ.
"ބަލި ފެތުރެމުން ދަނީ ވައިރަހުގެ އާ ސްޓްރެއިންއަކާ ހެދި. ބެލެވޭ ގޮތުގައި އެއީ ވައިރަހުގެ ކުރީގެ ސްޓްރެއިންއަށް ވުރެ ގައިންގަޔަށް އެރުމުގެ ފުރުސަތު 70 ޕަސެންޓު އިތުރު ސްޓްރެއިންއެއް... ވީމާ ކްރިސްމަސް ދުވަސްތައް ކުރިން ރޭވި ގޮތާ އެއްގޮތަށް ނުގެންދެވޭނެކަން ވަރަށް ހިތާމައާއެކު ދަންނަވަން،" ޖޯންސަން ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ސައުތުއީސްޓުގައި މިއަދުން ފެށިގެން އަޅާ ލެވެލް ހަތަރެއްގެ ފިޔަވަޅުތަކުގެ ދަށުން ޒަރޫރީ ބޭނުންތަކަށް ފިޔަަވާ ގެއިން ބޭރަށް ދިޔުން މަނާކޮށް، ޒަރޫރީ ނޫން ވިޔަފާރިތައް ބަންދުކޮށް، ކްރިސްމަސް ދުވަސްތަކުގައިވެސް އެހެން ގެތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރުން މަނާ ވާނެ އެވެ.
އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސާ ކްރިސް ވިޓީ ވިދާޅުވި ގޮތުގައި އެގައުމުން ފެނުނު ކޮވިޑްގެ އާ ސްޓްރެއިންއާ ބެހޭ މައުލޫމާތު އެގައުމުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހިއްސާކޮށްފަ އެވެ. އަދި އެ ސްޓްރެއިންގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ ނުވަތަ އެއާ ދެކޮޅަށް ވެކްސިން މަސައްކަތް ނުކުރާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެ އެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 1.98 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 66,541 މީހަކު ވަނީ މަރުވެފަ އެވެ.