ޕްރެމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް އާސެނަލް ކުޅެ 2-1 ލަނޑުން ބަލިވި މެޗުގެ ދެވަނަ ހާފުގައި އެލެކްސް އޮކްސްލޭންޑް ޗެމްބަލެންގެ ބަދަލުގައި އަންދުރޭ އަރުޝަވީން އެރުވުމުން، އާސެނަލްގެ ކޯޗު އާސެން ވެންގާ އާއި މެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތްކަމަށް އެކުލަބުގެ ކެޕްޓަން ރޮބިން ވެންޕާސީ ބުނެފި އެވެ.

މެންޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގައި ޗެމްބަލެން ބޭލުމުން ޓީވީ ކެމެރާތަކުން އެންމެ ސާފުކޮށް ފެނުނު މަންޒަރަކީ ވެން ޕާސީ ހިތްހަމަ ނުޖެހިފައި ހުރި މަންޒަރެވެ. ޗެމްބަލެން ވަނީ އެމެޗުގައި ވެންޕާސީ އަށް ލަނޑު ޖެހުމަށް މަގު ފަހިކޮށްދީފަ އެވެ. އެހިތްހަމަ ނުޖެހުން ވެންޕާސީގެ ފަރާތުން ފެނިގެންދިޔައީ ޗެމްބަލިން މޮޅަށް ކުޅެމުންދަނިކޮށް ބޭލުމުން ކަމަށާއި އޭރު ޗެމްބަލިން އަށް އަނިޔާއެއް ވެފައިވާކަން ނޭނގޭ ކަމަށް ވެސް ވެންޕާސީ ބުނެފައިވެ އެވެ.

"އަހަރެންނާއި ކޯޗާ ދެމެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް. އަހަރެމެންނަށް ހަމައެކަނި ކާމިޔާބު ކުރެވުން ލަނޑު ކާމިޔާބުކުރުމަށް ތަނަވަސް ކޮށްދިން ކުޅުންތެރިޔާ ބޭލުމުން އަހަރެން ހުރީ ދެރަވެފައި. އޭރު އަހަރެންނަކަށް ނޭނގޭ ޗެމްބަލެން އަށް އަނިޔާވެފައިވާ ކަމެއް. އަހަރެން ކޯޗު ވެންގާ އަށް ވަރަށް ބޮޑަށް އިޚްތިރާމް ކުރަން. އަހަރެން މިހާ ހިސާބަށް ގެނެސްދިން މީހަކީ ވެސް އެއީ." ވެންޕާސީ ބުންޏެވެ.

އާސެނަލް މިވަގުތު އޮތީ ޕްރެމިއާ ލީގުގެ ފަސްވަނާގަ އެވެ. އާސެނަލް އަށް ޕްރެމިއާ ލީގު ކާމިޔާބު ނުކުރެވުނަސް، ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އާސެނަލް ޖާގައެއް ބޭނުން ނަމަ، ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އަރަން ޖެހެ އެވެ. މިވަގުތު އެޖާގަ އޮތީ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީ އަށާއި. ދެވަނާގައި އޮތް މެންޔުނައިޓެޑަށާއި ތިން ވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަދި ޗެލްސީ އަތުގަ އެވެ.