ފާއިތުވި 24 ގަޑިއިރު ނެގި 3،768 ސާމްޕަލްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 30 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބަށް ބަލާއިރު މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހުންނަކީ މާލެ ސަރަހައްދުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންނެވެ. އޭގެއިތުރުން ދެން ޕޮޒިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުން ހަ މީހުންނާއި ރިޒޯޓުތަކުން ފަސް މީހުންގެ އިތުރުން ލިވަބޯޑުން އެކަކާއި ތަރައްގީ ކުރާ ރަށްރަށުން ހަތް މީހުން އަދި އިންޑަސްޓްރިއަލް ރަށްރަށުން އެކަކެވެ.

އިއްޔެ ވައިރަސް އަށް ޕޮޒިޓިވްވި މީހުންނާ އަޅާ ބަލާއިރު މިއަދު ވައިރަސް އަށް ޕޮޒިޓިވްވި މީހުން ގިނައެވެ. އެގޮތުން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 26 މީހެކެވެ.

އަލަށް ޕޮޒިޓިވްވި - މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 13،474 އަށް އަރާފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 12،878 އެވެ. މިދިޔަ 24 ގަޑިއރު ތެރޭ 42 މީހަކު ބަލިން ރަނަގަޅުވެފައި ވެއެވެ.

ހޮސްޕިޓަލުތަކުގައި 47 މީހަކު ފަރުވާ ހޯދަމުންދާއިރު މިވަގުތު ޖުމްލަ 541 މީހުން ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.