"ސާފު ހުޅުމާލެ" ނަމުގައި ހުޅުމާލެ ސާފުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިންނަވައިފި އެވެ.

މިއަދު ހަވީރު ބޭއްވި އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގައެވެ.

މިއަދު ހުޅުމާލެ ސާފުކުރުމަށް ފެށި ޕްރޮގްރާމުގައި ހުޅުމާލޭގެ 40 ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވަމުން ބައިވެރިންނާ މުހާތަބުކޮށް ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު ސަރުކާރާ ހަވާލުވުމަށްފަހުވެސް އެންމެ ފުރަތަމަ ބޮޑު އިވެންޓެއްގެ ގޮތުން ބާއްވާފައިވަނީވެސް ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއް ކަމަށް އެމަނިކުފާނުގެ ވާހަކައިގައި އަލިއަޅުވާލާފައިވެއެވެ.

އިތުރަށް ވާހަކުފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިހާރުގެ ކޮވިޑް-19ގެ ހާލަތުންވެސް އެންމެ ބޮޑު ފިލާވަޅަކަށް ދަސްވެގެން ދިޔައީ ސާފުތާހިރުކަމަށް އޮތް އަހައްމިޔަތު ކަމަށެވެ.