ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ދިމާވާ ނުރައްކާތެރި ނުރައްކާ ބަލިތަކާއި ހާދިސާތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމުގެ ގޮތުން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ދައުލަތުގެ އެކި މުއައްސަސާތައް ގުޅިގެން މިއަދު ފެށި ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދެވެ.

މިއަދު ފެށި ކެމްޕެއިން އަކީ މަސައްކަތުގެ މާހައުލުގައި ސިއްހަތަށާއި ފުރާނައަށް ކުރާ ނުރައްކާތެރި ގެއްލުންތަކުން ރައްކާތެރިވެ އެފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ފެށި ކެމްޕެއިނެކެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މަސައްކަތުގެ މާހައުލުގައި އެކި ކަހަލަ ގެއްލުން މަސައްކަތް ކުރާ ފަރާތްތަކަށް ލިބިގެންދާ ކަމަށެވެ. އެގޮތުން މަސައްކަތުގެ މާހައުލުގެ ގޮތުން އެލާޖީ އާއި ފުއްޕާމޭ އަށް ބަލި ޖެހުމާއި އުމުރު ދުވަހު ތަހައްމަލުކުރަން ޖެހޭ ބަލިތައް ފަދަ ނުރައްކާތަކާ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާކަމަށް ވަނީ އެޗްޕީއޭއިން ބުނެއެވެ.

އަންނަ އަހަރު ނިމެންދެއް ކުރިއަށް ގެންދާ އެ ކެމްޕެއިންގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި މީޑިއާ ބޭނުންކޮށްގެން މަސައްކަތްތެރިން އަހުލުވެރިކުރުމާއި ފަޔާ ސޭފްޓީ އަދި ފަސްޓް އެއިޑް ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. އޭގެއިތުރުން މަސައްކަތުގެ ރައްކާތެރިކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ބިލުގެ ޑްރާފްޓް އަލުން މުރާޖާ ކުރުމުގެ މަސައްކަތްވެސް އެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާނެއެވެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ބަލިތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްދާ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

އެ ޑްރާފްޓަކީ މީގެ އަހަރުތަކެއް ކުރީން ތައްޔާރުކޮށްފައިވާ ޑްރާފްޓަކަށް ވެފައިވުމުގެ ސަބަބުން އެ އަލުން މުރާޖާ ކުރަން ޖެހިފައިވާކަމަށް ވަނީ މިއަދުގެ ރަސްމިއްޔާތުގައި ފާހަގަކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ބައެއް ކަހަލަ މަސައްކަތުގެ ގޮތުން އެ މަސައްކަތްތަކަކީ، އެކަން ކުރާ ފަރާތްތަކުގެ އިތުރުން އާންމުންނަށްވެސް އޭގެ އަސަރު ކުރާ ކަންތައްތައް ކަމަށެވެ.

މަސައްކަތުގެ މާހައުލުގައި ހުރިހާ އެންމެނަށް ނުރައްކާތެރިކަން ހުރި ކަންތައްތައް ދެނެގަނެ އެކަމަށް ވާހަކަ ދެއްކުމުގެ އިތުރުން އެކަމަށް އަމަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެފަދަ ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި މަސައްކަތް ކުރާ މީހުން އެކަނި ނޫން ކަމަށާއި އޭގެއިތުރުން މަސައްކަތްތައް ހަވާލުކުރާ ފަރާތްތަކުންނާއި އާންމުންވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.