މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް އަދިވެސް އޭސީ މިލާނުން ފެނުމުގެ ފުރުސަތެއް އެބައޮތް ކަމަށް އެކުލަބުގެ ނައިބު ރައީސް އެޑްރިއާނޯ ގަލިއާނޯ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ޓެވޭޒް ހޯދުމަށް މިލާނުން މި މަހު ވަނީ ބޮޑު މަސައްކަތެއް ކޮށްފަ އެވެ. ނަމަވެސް މިލާނާއި ޓެވޭޒް އާއި ދެމެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން އެ ޓީމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ޓެވޭޒް އަށް އިތުރު ހުށަހެޅުމަށް ހުށަހެޅުމަކީ އޮތް ފުރުސަތެއް ކަމަށް ވެސް ގަލިއާނީ ބުނެފައިވެ އެވެ.

"ޓެވޭޒް ބޭނުންވޭ މިލާނާއި ގުޅެން. އަދި އަހަރެމެން ވެސް ޓެވޭޒް ބޭނުން. ޓްރާންސްފާ މުއްދަތު ހަމަވާން އަދި ދުވަސްކޮޅެއް އެބައޮތް. އެހެންކަމުން ޓެވޭޒް އަށް އާހުށަހެޅުމެއް ހުށަހެޅުން ވެސް ވަރަށް ގާތް." ގަލިއާނީ ބުންޏެވެ.

ޓެވޭޒްގެ ސޮއި ހޯދުމަށް ފްރޭންސްގެ ޕެރިސް ސެންޓް ޖާމެން (ޕީއެސްޖީ) އާއި އޭސީ މިލާނުގެ ވާދަވެރި އިންޓަމިލާނުން ވެސް މަސައްކަތް ކުރެ އެވެ. ނަމަވެސް ޓެވޭޒް ބޭނުން ވަނީ މިލާނާ ގުޅެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަހަރެން ބޭނުން ވަނީ ހަމައެކަނި ރަތާއި ކަޅު ޖާޒީގައި ކުޅެން. މިލާނާއި އެކު އެއްބަސްވުމަކާއި ހަމައަށް އާދެވޭނެ ކަމަށް އުންމީދުކުރަން." ޓެވޭޒް ބުންޏެވެ.

މެންސިޓީ އާ އެކު ގިނަ މައްސަލަތަކެއް ޖެހިފައިވާ ޓެވޭޒް ވެސް އެކުލަބު ދޫކޮށް ދާން ބޭނުންވާ ކަމަށާއި އެނބުރި އިނގިރޭސި ވިލާތަށް ނުދާނެ ކަމުގައި އަންނަނީ ބުނަމުންނެވެ. މިލާނުގެ އިޓަލީ ފޯވާޑް އެންޓޯނިއޯ ކަސާނޯގެ ހިތުގެ ސާޖަރީ އަށް ފަހު އަރާމުކުރަން ޖެހުމުން އެކުލަބަށް ވަނީ ފޯވާޑެއްގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ޖެހިފަ އެވެ.