19 Dec 2020, 17:46
ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، ހަފްލާތަކާ ރަސްމިއްޔާތު ބޭއްވުމުގެ ހުއްދަ ދިން ނަމަވެސް އެފަދަ ހަރަކާތްތައް ބޭއްވުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދެން ޖެހޭނެކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ވަނީ ކޮވިޑްގެ ހާލަތުގައި ބާއްވާ އެކި ހަފްލާތަކާއި ރަސްމިއްޔާތުތަކުގައި އަމަލު ކުރަންޖެހޭ އުސޫލު އާންމުކޮށްފައެވެ.
އެޗްޕީއޭގެ އުސޫލުގައި ބުނީ މާލެ ސަރަހައްދާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އަދި އެއާޕޯޓު ހިންގާ ރަށްރަށުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ.
އެގޮތުން ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވާއިރު، ކޮވިޑުގެ އަލާމާތްތައް ހުރި އެއްވެސް މީހަކު ހަފްލާތަކުގައި ބައިވެރި ނުކުރުމަށާއި، ތަނުގައި މަސައްކަތް ކުރާ މިހުން މާސްކު އަޅައި ގައިދުރުކުރަން ޖެހޭނެ ކަމަށް އުސޫލު ބުނެއެވެ.
އަދި ހަފްލާގައި މަސައްކަތްކުރާ މީހުންނާއ ިއެތަނަށް ދާ މީހުންނަށް އަތްދޮވެ، ސެނިޓައިޒް ކުރެވެނެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހޭނެ ކަމަށާއި، އާންމުކޮށް އަތްލާ ގޮނޑި، ޕޯޑިއަމް، ދޮރު ފަދަ ތަންތައް އަވަސް އަވަހަށް ސާފުކުރަން ވާނެ ކަމަށް ބުނެފައި ވެއެވެ.
އަދި ހަފްލާ ނުވަތަ ރަސްމިއްޔާރު ބާއްވަނީ އިމާރާތެއްގަިއ ނަމަ މީހުން ވަދެ ނިކުންނަ ގަޑީގައި ތަނުގެ ދޮރު ހުޅުވާފައި ބަހައްޓަން ވާނެ ކަމަށާއި އަދި އެއާކޯން ހުރި ނަމަވެސް އެކިފަހަރު މަތިން ދޮރު ހުޅުވައި ވައިދައުރު ކުރަންވާނެ ކަމަށް ބުނެފައިވެއވެެ.
ރަސްމިއްޔާތުތަކުގައި ކެއުމުގެ އިންތިޒާމު ހަމަނުޖެއްސުމަށް އުސޫލު ގައި ބުނެފައިވެއެވެ. އަދި ކައިވެނި/އުފަންދުވަހުގެ ހަފްލާ ބާއްވާއިރު ބުފޭގެ ބަދަލުގައި ވަކިން ސާވް ކުރާގޮތަށް އިންތިޒާމު ކުރުމަށާއި ބުފޭ ހަދާނަމަ ކާއެއްޗެހި އަޅައިދޭނެ މީހަކު ވަކިން ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އަދި މާސްކާއި ޓިޝޫ އެޅުމަށް ހާއްސަ ޑަސްބިން ބަހައްޓައި، ގިނަ މީހުން ބައިވެރިވާ ހަފްލާ/ ރަސްމިއްޔާތުގެ ވަގުތު މަދުކުރުމަށް އުސޫލުގައި ބުނެފައިވެއެވެ.
އަދި އިނާމު ދިނުމުގެ ހަފްލާތަކުގައި އަތާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށާއި ސެޓްފިކެޓް ހަވާލު ކުރުމަށްވެސް އަތުން އަތަށް ދިނުމުގެ ބަދަލުގައި އެހެން އިންތިޒާމެއް ހަމަޖެއްސުން އެދެވޭ ކަމަށް ބުނެފައިވެއެވެ.
ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ހަފްލާތަކާއި ރަސްމިއްޔާތު ބޭއްވުމުގެ ހުއްދަ ދިނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.