އިނގިރޭސި ގައުމީ ޓިމަށް ކޯޗުކަން ކޮށްދިނުމުގެ މުއްދަތު ހަމަވުމުން ކުރިމަގު އޮތް ގޮތް އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށް ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

އުމުރުން 65 އަހަރުގެ ކޯޗު ކަޕެއްލޯ އާއި އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަން އާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އިނގިރޭސި ގައުމީ ޓީމާ އެކު ޕޮލެންޑާއި ޔޫކްރެއިންގައި މިއަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެޓީމުގެ ކޯޗުގެ މަގާމުގައި ހުންނާނެ އެވެ.

އިނގިރޭސި ގައުމީ ޓީމާ 2008 ވަނަ އަހަރުގެ ހަވާލުވި ކޯޗު ކަޕެއްލޯ ވަނީ އެ ޓީމުގެ ކޯޗު ކަމުގައި ހުރެ ކުޅުނު 42 މެޗުން ގައުމީ ޓީމަށް ކާމިޔާބު ކޮށްދެވުނީ 28 މެޗެވެ. އިނގިރޭސި ގައުމީ ޓީމަށް ކޯޗުކަން ކޮށްދިނުމުގެ މުއްދަތު ހަމަވުމުން، ބޮޑަށް ބެލެވެނީ އިޓަލީ ލީގުން އަލުން ކަޕެއްލޯ ފެނިގެންދާނެ ކަމަށެވެ.

"ކުރިމަގަށް އަޅާ އެއްވެސް ފިޔަވަޅެއް އަޅަން ބޭނުމީ ޔޫރޯ މުބާރާތަށް ފަހު. އެއަށް ފަހު އިޓަލީ އަށް އެނބުރި ގޮސް، ޓީވީ ޕްރެސެންޓަރެއް ނޫނީ ކޯޗެއްގެ ގޮތުން ވެސް ފެނިގެން ގޮސްދާނެ. އަހަރެން އިނގިރޭސި ވިލާތުގައި މިހިރީ ހިތްހަމަ ޖެހިގެން." ކަޕެއްލޯ ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމު މިވަގުތު އޮތީ ފީފާ ރޭންކިންގްގެ ފަސް ވަނާގަ އެވެ. ޔޫރޯގައި އިނގިރޭސި ޓީމު އޮތީ ގްރޫޕް ޑީ ގަ އެވެ. ގްރޫޕް ޑީގައި އިނގިރޭސި ޓީމު ވާދަކުރަން ޖެހޭނީ ފްރާންސް އާއި ސްވިޑަން އަދި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ޔޫކްރެއިން އެވެ.