ވޮޝިންޓަން (ޑިސެމްބަރު 19) : މޮޑާނާ ވެކްސިން އެމެރިކާގެ ރައްޔިތުންގެ ގަޔަށް ޖަހައި އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ "ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން" (އެފްޑީއޭ) އިން ދީފި އެވެ.

"އެފްޑީއޭ" އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޮޑާނާ ވެކްސިން އަށް ދިނީ ކުއްލި ހާލަތްތަކުގައި އެކަނި ބޭނުންކުރުމުގެ ހުއްދަ އެވެ. ކުއްލި ހާލަތް ކަމަށް ބަލާފައި ވަނީ ކޮވިޑްގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް އެބަލި ފެތުރި ކޮންޓްރޯލް ކުރަން ދަތިވާ މިންވަރަށް ގޮސްފައިވާތީ މި ބަލީގައި އެމެރިކާ މިހާރު އޮތް ނުރައްކާތެރި ހާލަތާ ގުޅިގެން ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާއަކީ ކޮވިޑް ކޮންޓްރޯލް ކުރަން އެންމެބޮޑަށް ނުކުޅެދިފައިވާ ގައުމު

ކުރިން ހުއްދަ ދިން ފައިޒާ ވެކްސިންއަށް ވެސް ދިނީ ކުއްލި ހާލަތްތަކުގައި އެކަނި ބޭނުންކުރުމުގެ ހުއްދަ އެވެ. ވެކްސިންތަކަށް ހުއްދަދެނީ އެފްޑީއޭގެ ވެކްސިން އާއި ބައިލޮޖިކަލް އުފެއްދުންތަކާބެހޭ އެޑްވައިޒަރީ ކޮމިޓީންނެވެ.

އެމެރިކާއަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް ކޮވިޑް ކޮންޓްރޯލް ކުރަން އެންމެބޮޑަށް ނުކުޅެދިފައިވާ ގައުމެވެ. އަދި ކޮވިޑްގައި މީހުން އެންމެ ގިނައިން މަރުވަމުންދާ ގައުމު ވެސް މެ އެވެ. އެހެންކަމުން ފައިޒާ ވެކްސިންގެ އިތުރުން މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ "އެފްޑީއޭ" އިން ދިނުމަކީ ދުނިޔޭގައި ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް އެމެރިކާގެ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެކަމަށް މުރާސިލުން ބުނެއެވެ.

މޮޑާނާ ވެކްސިން އަކީ ގެންގުޅެން ފަސޭހަ ވެކްސިން އެއް

މޮޑާނާ ވެކްސިން އަކީ ފައިޒާ ވެކްސިންއަށް ވުރެ ގެންގުޅެން ފަސޭހަ ވެކްސިން އެކެވެ. ފައިޒާ ވެކްސިން ބަހައްޓަން ޖެހޭ މައިނަސް 70 ޑިގްރީގެ ގަދަ ފިނީގައި މޮޑާނާގެ ވެކްސިން ބަހައްޓަން ނުޖެހޭތީއެވެ. އެހެންކަމުން އެމެރިކާގެ ދުރު އެކަހެރި ހިސާބުތަކުގައިވާ ކުދި އަވަށްތަކާއި ވިލެޖްތަކަށް މޮޑާނާ ވެކްސިން ގެންދިޔުން ފައިޒާ ވެކްސިން އަށްވުރެ ފަސޭހަވެގެންދާނެ އެވެ. މި ވެކްސިން ޖެހުމުން ކޮވިޑް-19 ނުޖެހޭނެކަމުގެ ޔަގީންކަން އޮންނަކަމަށް ވަނީ 90 އިންސައްތައިގަ އެވެ. މިވެކްސިންގެ މުއްދަތަކީ 6 މަހާއި 8 މަހާ ދެމެދުގެ މުއްދަތެއް ކަމަށް މައުލޫމާތު ލިބެ އެވެ. (ނޫސްއެޖެންސީތައް)