ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާންގެ ކުރިއަށް އޮތް ފިލްމު "އަދިޕުރުޝް"ގައި އޭނާ ކުޅޭ ރާވަން ކެރެކްޓާއަކީ އިންސާނީވަންތަ ކެރެކްޓާއެއް ކަމަށް ބުނުމުން ހިންދޫން ރުޅިއަތުވެއްޖެ އެވެ.

ރާވަން ކެރެކްޓާއަކީ އިންސާނީވަންތަ ކެރެކްޓާއެއް ކަމަށް ބުނުމަކީ ހިންދޫންނަށް ކުރި ފުރައްސާރައެއް ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި އުއްތަރު ޕްރަދޭޝްގެ ކޯޓު ޖަނަޕޫރް ޑިސްޓްރިކްޓް އަށް މިހާރު ވަނީ ހުށައަޅައިފަ އެވެ. އެ މައްސަލަ ކޯޓަށް ވެއްދީ ހިމާންޝޫ ސްރިވާސްތާވް ކިޔާ ވަކީލެކެވެ. އަދި އެ މައްސަލަ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ބުދަ ދުވަހަށް މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވާ އިރު ސައިފް ވަނީ ހިންދޫންގެ ކިބައިގެން މާފަށް ވެސް އެދިފަ އެވެ. މި ފިލްމަކީ ސައިފް އާ ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑުން ފެނިގެންދާ ފިލްމެކެވެ.

ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު އަދިޕުރުޝްގެ ޝޫޓިން އަންނަ އަހަރު ފަށާއިރު މި ފިލްމު ރިލީޒްކުރާނީ 11 އޯގަސްޓް 2022 ގަ އެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ލީޑު ބަތަލާ އަދި ހާމަކޮށްފައެއްނުވެއެވެ. ފިލްމުގެ ޑައިރެކްޓަރަކީ އޯމް ރައުތު އެވެ.