މާލޭ ސަރަހައްދުގައި ރޭގަނޑު 0000 އިން ފެށިގެން ފަތިހު 0400 އާ ހަމައަށް އިއުލާނުކޮށްފައިވާ ކާފިއު އުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ރެއިން ފެށިގެން އިއުލާނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލައި ލުއި ދެމުން ގޮސް މާލޭގައި ބޭރުގައި އުޅުން މަނާ ވަގުތަކީ ރޭގަނޑު 12:00 އާއި 4:00 އާ ދެމެދު ކަމުގައި ހަމަޖެއްސީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ރޭގަނޑު 12 ޖެހުމަށްފަހު ކާފިއު އޮންނަ ގޮތަށް އިއުލާނުކުރުމުގެ ކުރީން 23:00ގައި ކާފިއު ގަޑި ފެށެއެވެ. އޭގެކުރީން ކާފިއު އޮތީ ރޭގަނޑު 22:00 އިން ފެށިގެން 5:00ގެ ނިޔަލަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 23 އިން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ރޭގަނޑު 20:00 އިން ފެށިގެން ކާފިއުގެ ވަގުތު ފެށެއެވެ. އެހެންނަމަވެސް އެ ވަގުތު 22:00 އަށް ބަދަލުކުރީ އޮކްޓޯބަރު ތިނެއްގައެވެ.

ރޭގަނޑު 20:00 އިން ފެށޭ ކާފިއުއަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާވާގޮތަށް އިއުލާނުކޮށްފައިވާ ކާފިއުއެކެވެ. އެ މުއްދަތުގައިވެސް 22:00 ޖަހަންދެއް ހިނގާފައި ބޭރުގައި އުޅުމަށް ހުއްދަ ވަނީ ދީފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުން ދީފައިވާ އިތުރު ލުއިތަކުގެ ތެރޭގައި 14 މީހުންނަށްވުރެ ގިނައިން އެތަނަކަށް އެއް ނުވެވޭނެ ގޮތަށްވެސް ވަނީ ލުއި ދީފައެވެ.

ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އަދިވެސް މާލެ ސިޓީން ރާއްޖޭގެ އެހެން ރަށްތަކަށް ދަތުރު ކުރާއިރު ކަރަންޓީންވުން ލާޒިމެވެ. އެ ނިންމުމަކަށް ބަދަލެއް ނާދެއެވެ.