މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 26 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި 2،870 ސާމްޕަލް އަކުން ޕޮޒިޓިވް ވެފައިވަނީ 26 މީހުންނެވެ. އޭގެތެރެއިން ޕޮޒިޓިވްވީ މާލެ ސަރަހައްދުން 14 މީހަކާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުން އަށް މީހުން އަދި ލިވަބޯޑުތަކުން އެކަކުގެ އިތުރުން އޮޕަރޭޝަނަލް ރިސޯޓުތަކުން ތިން މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އަޅާ ބަލާއިރު އިއްޔެ ޕޮޒިޓިވް ވެފައިވަނީ މަދު ބައެކެވެ. އެގޮތުން އިއްޔެގެ 3،171 ސާމްޕަލް އިން ޕޮޒިޓިވް ވީ 16 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި 26 މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 13،444 އަށް އަރާފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 12،836 އެވެ. މިދިޔަ 24 ގަޑިއރު ތެރޭ އަށްމީހަކު ބަލިން ރަނަގަޅުވެފައި ވެއެވެ.

ހޮސްޕިޓަލުތަކުގައި 47 މީހަކު ފަރުވާ ހޯދަމުންދާއިރު މިވަގުތު ޖުމްލަ 553 މީހުން ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.