ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއްގެ އިސްވެރިޔެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބު އިބްރާހީމްގެ މައްޗަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ތިން ދައުވާއެއް އުފުލައިފި އެވެ.

އެނގިފައިވާގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް އެ މައްސަލަތައް ހުށަހަޅާފައިވަނީ އިއްޔެއެވެ.

ޝަހީބަށް އުފުލާފައިވާ ދައުވާތައް

  • ޑައިމޯފީން ޓްރެފިކް ކުރުން: (އަދަބު: 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާކުރުން.)
  • މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުން: (އަދަބު: 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާކުރުން.)
  • މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ރާއްޖެ އެތެރެކުރުން: (އަދަބު: 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާކުރުން.)

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލާފައިވާ ދައުވާގައި އިތުރަށް ފާހަގަކޮށްފައިވަނީ ޝަހީބަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކުގެ އެންމެ އިސް މީހާ ކަމަށެވެ.

ހުޅުމާލޭ ފަޅު ތެރޭގައި އޮތް މަސްދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ޝަހީބު ހައްޔަރުކޮށް ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ ހުކުމްކޮށްފައެވެ.

ދައުލަތުން އޭނާ ބަންދު ކުރަން އެދުނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި އޭނާ ދޫކޮށްލައިފި ނަމަ ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ 14 ދުވަހަށް އޭނާ ބަންދު ކުރި އެވެ. އެކަމަކު ބަންދު އިތުރުކުރަން ދިޔުމުން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ފަހުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ. އެ ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކުރި އެވެ.