18 Dec 2020, 19:12
އިންޑިއާގައި އަންނަ މަހުން ފެށިގެން ކޮވިޑް-19 ވެކްސިން ދޭން ފަށަން ތައްޔާރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ހެލްތު މިނިސްޓްރީއިން ދާދި ފަހުން ބުނެފައިވަނީ އެގައުމުގައި ދޭން ފަށާ އެންޓި ވައިރަސް ވެކްސިންތަކަކީ ވޮލިންޓިއަރީ ވެކްސިންތަކެއް ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެއެވެ.
އަދި ކޮވިޑް-19 އަށް މީގެކުރީން ޕޮޒިޓިވް ވެފައި ނުވާ މީހުންވެސް ވެކްސިން ނެގުމަށް މިނިސްޓްރީއިން އިރުޝާދު ދީ ބުނެފައިވަނީ އެގޮތަށް ކަންތައް ކުރަނީ އާންމުންގެ އިމިއުނިޓީ ވަރުގަދަ ކުރުމަށް ކަމަށެވެ. އެގޮތުން ވެކްސިން ދިނުމުގެ ގާތްގަނޑަކަށް ދެ ހަފްތާގެ ތެރޭގައި އެންޓިބޮޑީ އުފެދޭ ކަމަށް މިނިސްޓްރީއިން އިޝާރާތްކޮށްފައިވެއެވެ.
މިނިސްޓްރީއިން ބުނެފައިވަނީ އިންޑިއާގައި ހަ ބައެއްގެ ފަރާތުން އުފައްދާ ވެކްސިން ދޭނެކަމަށެވެ. އެގޮތުން ބައެއް ވެކްސިންތައް އަދި އުޅެނީ ޓްރައިއަލް މަރުހަލާގައި ކަމަށް މިނިސްޓްރީއިން ބުނެއެވެ. އިންޑިއާގައި ދޭނެ ވެކްސީންތަކަކީ:
ބަރަތު ބަޔޯޓެކް އާއި އައިއެމްސީ އިން ގުޅިގެން އުފައްދާ ވެކްސީން
- ޒައިޑަސް ކެޑީލާ އިން އުފައްދާ ވެކްސިން
- ޖެނޯވާ، އޮކްސްފޯޑް އިން އުފައްދާ ވެކްސިން
- އިންޑިއާގައި އުފައްދަމުން ގެންދާ ރަޝިއާގެ "ސަޕްޓްނިކް ވީ" ވެކްސިން
- ހައިދުރަބާދުގައި ހުންނަ ބަޔޮލޮޖިކަލް އީ އާއި އެމެރިކާގެ އެމްއައިޓީ އާ ގުޅިގެން އުފައްދާ ވެކްސިން
- އިންޑިއާގެ ސީރަމް އީ އިންސްޓިޓިއުޓް އިން އުފައްދާ ވެކްސިން
ވެކްސިން ޝެޑިއުލްކޮށްގެން ދިނުމަށް ހަމަޖެހިފައިވާއިރު ކޮންމެ މީހަކަށް ވެކްސީންގެ ދެ ޑޯޒް ދޭނެއެވެ. އެއީ ފުރަތަމަ ޑޯޒް އާއި އެ ޑޯޒް ދޭތާ 28 ދުވަސް ފަހުން ދޭ ޑޯޒް އެކެވެ.
މިނިސްޓްރީއިން ބުނެފައިވަނީ ވެކްސިން ދިނުމުގައި އިސްކަން ދޭނެ ހާއްސަ ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައި ކަމަށެވެ. އެގޮތުން ހައި ރިސްކު ޕޭޝަންޓުންނާއި ވައިރަސް ޖެހުމުގެ ފުރުސަތު އޮތް ފަރާތްތަކުގެ އިތުރުން ފްރޮންޓްލައިން ހެލްތު ވޯކަރުންނަށް ވެކްސިން ދިނުމުގައި އިސްކަން ދޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.