މިދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު އަރިދަފުސްރޯގާ އާއި ވައިރަލް ހުން ޖެހިފައިވާ މީހުންގެ އަދަދު މިއަހަރުގެ މިހާތަނަށް އިތުރުވެފައިވާ ކަމަށް ސެންޓަރު ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ)އިން މިއަދު ބުނެފި އެވެ.

ސީސީއެޗްޑީސީން ނެރެނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރު ރާއްޖޭގެ އެކިހިސާބުތަކުގައި ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދާ މިންވަރު އިތުރުވެފައިވާކަން ރިޕޯޓްތަކުން ފާހަގަކުރެވޭ ކަމަށެވެ.

ރޯގާޖެހި ކެއްސާ މީހުން އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށާއި ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ސީސީއެޗްޑީސީގެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަށް ވެސް އެެ ބަޔާނުގައި ބުނެފައިވާ ވެއެވެ.

އަރިދަފުސްރޯގާ އާއި ވައިރަލް ހުމަކީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހައިން އަރާ ބައްޔެކެވެ.