ވޮޝިންޓަން (ޑިސެމްބަރު 18): އެމެރިކާއަށް ކުރިމަތިވަމުންދާ ސިލްސިލާ ސައިބާ ޙަމަލާތަކުގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުތަކަށް ކަމަށާ މިއީ ސީރިޔަސް ޙަމަލާތަކެއް ކަަމަށް އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ "ޕޮލިޓިކޯ" ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ "ޕޮލިޓިކޯ" ބުނާގޮތުން އެމެރިކާގެ ނިއުކްލިޔާ ހަތިޔާރާބެހޭ ބައެއް އިދާރާތަކާއި ނިއުކްލިޔާ ހަތިޔާރު އުފައްދާ ރިއެކްޓަރުތަކުގެ ސާވާތައްވަނީ ހެކްކޮށްފައެވެ. އަދި އެމެރިކާގެ އިންފްރާސްޓްރަކްޗަރާބެހޭ އިދާރާތަކާއި އެމެރިކާގެ ބައެއް ވުޒާރާތަކުގެ ސާވާތައްވެސްވަނީ ހެކްކޮށްފައެވެ. މިއާއެކު އެތަންތަނުގެ މަސައްކަތްތައްވަނީ ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައެވެ.

އެމެރިކާއަށް ކުރިމަތިވަމުންދާ ސިލްސިލާ ސައިބާ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ނިއުކްލިޔާ ހަތިޔާރުތަކަށް ކަމަށް ވިޔަސް އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުތައް މެނޭޖްކުރާ އިދާރާ ކަމަށްވާ "ނެޝަނަލް ނިއުކްލިޔާ ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން" އާއި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ފަންކްޝަންތައް ހެކަރުންނަށް ފޫއަޅުވާލެވިފައި ނުވާކަމަށް އެމެރިކާގެ "ނެޝަނަލް ސައިބާ ސެކިއުރިޓީ އެންޑް ކޮމިއުނިޓީ އިންޓެގްރޭޝަން ސެންޓަރ" ގެ މަސްއޫލުވެރިންނާ ހަވާލާދީ "ޕޮލިޓިކޯ" ބުނެއެވެ.

އެމެރިކާގެ ސައިބާ ސެކިއުރިޓީއާބެހޭ މަސްއޫލުވެރިން ވިދާޅުވާގޮތުގައި މިއީ އެމެރިކާގެ ތާރީޚުގައި މިހާވަރުގަދަ ސައިބާ ޙަމަލާތަކެއް އާދަޔާ ޚިލާފަށް ޕްރޮފެޝަނަލް ގޮތެއްގައި އެމެރިކާގެ އިދާރާތަކަކަށް ސިލްސިލާގޮތެއްގައި އަމާޒުވި ފުރަތަމަ ފަހަރެވެ. މި ޙަމަލާތައް ދިނީ ހަމަލާތައް ދިން ފަރާތް އެއްވެސް ވަރަކަށް ނޭންގޭ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ކަމަށާ ސައިބާ ޙަމަލާތަކުން އެމެރިކާއަށް ލިބުނު ގެއްލުންތައް ފުރިހަމައަށް ދެނެގަތުމަށް އެތަށް މަހެއް ނަގާނެކަމަށްވެސް "ޕޮލިޓިކޯ" ބުނެއެވެ. ސައިބާ ޙަމަލާތައް އަމާޒުވި އެމެރިކާގެ އިދާރާތަކުގެ ތެރޭގައި ގިނައީ ފެޑްރަލް އިދާރާތަކެވެ. ނަމަވެސް ސްޓޭޓްތަކުގެ ތިން އިދާރާއަކަށްވެސް މި ހަމަލާތައް އަމާޒުވެފައިވެއެވެ.

އެމެރިކާއަށް ކުރިމަތިވާ ސައިބާ ޙަމަލާތައް ދިފާއުކުރާ ސައިބާ ސެކިއުރިޓީއާބެހޭ އިދާރާއަކީ އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ދަށުގައިވާ އިދާރާއެކެވެ. އެއިދާރާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި މިފަދަ އާދަޔާ ޚިލާފު ސައިބާ ޙަމަލާތައް ދެވޭނީ ސައިބާ ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ގައުމުތަކުގެ ސަރުކާރުތައް ފަހަތުގައި ތިބެ ސައިބާ އާމީ އެއްގެ އެހީގައެވެ.

އެމެރިކާއިން މި ޙަމަލާތަކުގެ ތުހުމަތު އަޅުވަނީ ރަޝިއާގެ ބޮލުގައެވެ. ނަމަވެސް ރަޝިއާއިން މިތުހުމަތުތައް ދޮގުކުރެއެވެ. ރަޝިއާގެ އިތުރުން ޗައިނާ، އީރާން ފަދަ ގައުމަކުންވެސް މިފަދަ ޙަމަލާތަކެއް އެމެރިކާއަށް ދީފާނެކަމަށް އެމެރިކާގެ ދެކެއެވެ. ނަމަވެސް ރަޝިއާ ނޫންގައުމަކަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައެއް ނުވެއެވެ.

އެމެރިކާއަށް ސިލްސިލާ ސައިބާ ޙަމަލާތަކެއް ކުރިމަތިވެފައި މިވަނީ އެމެރިކާއިން އީރާނުގެ އިސް ޖެނެރަލެއް ކަމަށްވާ ގާސިމް ސުލައިމާނީ އަވާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއަށް އެއްއަހަރު ފުރޭވަގުތާ ދިމާކޮށެވެ. އެޙަމަލާގައި ގާސިމް ސުލައިމާނީ އަވާރަވުމާ ގުޅިގެން ބަދަލު ހިފުމަށްޓަކައި އީރާން ވަނީ އިރާގުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަލިސްޓިކް މިސައިލުން ޙަމަލާތަކެއްދީ އެމެރިކާ ސިފައިންގެ އެތަށް ބަޔަކު ޒަޚަމްކޮށްލާފައެވެ. ބަދަލުހިފުމުގެ ހަމަލާއަށްފަހުވެސް އީރާނުންވަނީ ސުލައިމާނީގެ މަރާގުޅިގެން ބަދަލުހިފުމުގެ އިތުރު ހަމަލާތައް އެކި ގޮތްގޮތަށް އެމެރިކާއަށް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ދާދިފަހުން އިސްރާއީލުން އަވާހަރަކޮށްލި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓް ޑރ. މުހްސިން ފަޚްރީ ޒާދާ ގެ މަރުގެ ފަހަތުގައި އިސްރާއީލާއެކު އެމެރިކާވެސް ވާކަމަށް އީރާނުންވަނީ ތުހުމަތުކޮށްފައެވެ. އެ ހަމަލާއަށް ބަދަލުހިފާނެ ކަމުގެ އިންޒާރުވެސް އީރާނުންވަނީ ދީފައެވެ. (ޕޮލިޓިކޯ)