ވޮޝިންޓަން (ޑިސެމްބަރު 18) : އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާތީ ރައްޔިތުން ތިބީ ވަރަށް ރުޅިއައިސްފައި ކަމަށާއި މި އޮޅުވާލުންތަކާ ރިޕަބްލިކަން ޕާޓީއިން ދެކޮޅު ހަދަން ޖެހޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވަނީ ދެކޮޅު ހަދަން ޖެހޭ ކަމަށް

އިންތިހާބުގެ ނަތީޖާއާ ދެކޮޅު ހަދަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ޓްރަމްޕް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާމެދު ރައްޔިތުން ތިބީ ވަރަށް ރުޅިއައިސްފައި ކަމަށާއި އެމެރިކާގެ އެއްވެސް އިންތިހާބެއްގައި އޮޅުވާލާފައި ނުވާ މިންވަރަށް އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބާކުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އެ އިންތިހާބުގެ ނަތީޖާ އެމެރިކާގެ ރައްޔިތުން ގަބޫލުނުކުރާ ކަމަށް ވިދާޅުވެ އޮޅުވާލުންތަކާ ކުރިމަތިލުމަށް ރިޕަބްލިކަން ޕާޓީގެ މެންބަރުން ދަސްކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ބަލިވި މައްސަލައާދެކޮޅަށް އޭނާގެ ސަޕޯޓަރުންވަނީ އަޑުއުފުލަން ފަށާފައި

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ބަލިވި މައްސަލައާ ދެކޮޅަށް ޓްރަމްޕްގެ ސަޕޯޓަރުންވަނީ ވޮޝިންޓަނާއި އެނޫންވެސް ބައެއް ސިޓީތަކުގެ މަގުތަކަށް ނުކުމެ އެތަށްފަހަރަކު އަޑު އުފުލައި ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފަ އެވެ. ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަށް ގިނަ ނަމަވެސް ހަރުކަށި އަމަލުތަކާ ދިމާއަށް މިސްރާބު ޖަހަނީ ދޮންމީހުންނަކީ މާ މޮޅު ބައެއްކަމަށް ދެކޭ ހަރުކަށި ޖަމާއަތްކުގެ މީހުންނެވެ. މި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ "ޕްރަވްޑް ބޯއީސް" ޖަމާއަތަކީ ހަރުކަށި ފިކުރު ގެންގުޅޭ ޖަމާއަތެކެވެ.

މިއީ ނަސްލި އިމްތިޔާޒަށް ހިއްވަރުދޭ ދޮންމީހުންގެ ތެރެއިން އުފެދިފައިވާ ޒުވާނުން ހިމެނޭ ކަނާތު ފިޔައިގެ ހަރުކަށި ޖަމާއަތެއްވެސްމެ އެވެ.

އެމެރިކާގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް

ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އެމެރިކާގެ ރައީސުލްމުންތަޚަބު ޖޯ ބައިޑެން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުންތަށް ގަބޫލު ނުކުރައްވައި އެ ނިންމުންތަކަށް ގޮންޖައްސަވައި އެމެރިކާ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ކުރައްވާފައެވެ.

ޓްރަމްޕް ހުންނެވީ ވައިޓް ހައުސް އިން ނުކުމެވަޑައިގަންނަވާ ގޮތަކަށް ނޫން

ބައިޑެން އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވީނަމަވެސް ޓްރަމްޕް ހުންނެވީ އެތާރީޚުގައި ވައިޓް ހައުސް އިން ނުކުމެވަޑައި ގަންނަވާ ގޮތަށް ނޫންކަމަށް އޭނާގެ އަރިސް ބޭފުޅަކުވަނީ ވިދާޅުވެފައެވެ. (އަލްޖަޒީރާ)