25 Jan 2012, 15:49
ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގުރޭޝަނާއި މެލޭޝިޔާގެ ނެކްސްބިޒާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް އޭސީސީން ސިވިލްކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ އެއްބަސްވުން ބާތިލު ކުރުމަށް ސިވިލްކޯޓަށް މިއަދު މައްސަލަ ވައްދާފައިވާއިރު ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ގާނޫނީ ބާރެއް އޭސީސީއަށް ލިބިގެން ނުވާކަމަށް ހަފްތާ އެއް ކުރިން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ހުށަހެޅުމަށްފަހު އޭސީސީން ވަނީ މައްސަލަ އާއި މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ބޯޑާކޮންޓްރޯލްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އެދިފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ބޯޑާކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު ގާނޫނީގޮތުން އޭސީސީއަށް ލިބިގެން ނުވާކަމަށް ސިވިލްކޯޓުން ނިންމި ގަޒިއްޔާއިން އޭސީސީއަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ސިވިލްކޯޓުން ނިންމި ގަޒިއްޔާގާއި ޝަރީއަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން 10 ވަނަ ނުކުތާގައި ވަނީ އޭސީސީން ޝަރީއަތުގައި އެގްރީމެންޓާއި ބެހޭގޮތުން ދެއްކިވާހަކަތައް ދައުވާއެއްގެ ގޮތުގައި އަލުން އޭސީސީއަށް ހުށަހެޅިދާނެ ކަމަށެވެ.
ގަޒިއްޔާގައި ނެކްސްބިޒާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ބެހޭގޮތުން އޭސީސީން ޝަރީއަތުގައި ބުނެފައި ވަނީ ނެކްސްބިޒުން ހުށަހެޅި ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ކޮންސޯޓިއަމް އެއްގެ ނަމުގައި ކަމަށާއި ނަމަވެސް އެ ހުށަހެޅި ޕްރޮޕޯސަލް އަކީ ކޮންސޯޓިއަމް އަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލެއްކަން އެނގޭނެ އެއްވެސް ލިޔުމެއް ނެކްސް ބިޒުން ހުށަހަޅާފައި ނުވާކަމަށެވެ. މީގެއިތުރުން ނެކްސްބިޒުން ކޮންސޯލްޓިއަމްގެ ނަމުގައި ހުށަހެޅި ހުށަހެޅުމެއް ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ބަލައިގަތް ކަމުގައި ވިޔަސް ސަރުކާރުން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތުގެ އެއްބަސްވުން ވެފައިވަނީ ހަމައެކަނި ނެކްސްބިޒާއި ކަމަށާއި ނެކްސްބިޒް ކޮންސޯލްޓިއަމް އަކާއި ނޫންކަމަށްވެސް އޭސީސީން ވަނީ ޝަރީއަތުގައި ބުނެފައެވެ.
ބޯޑާކޮންޓްރޯލްގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޮޑުގެ ޑިރެކްޓާ ސާމީ އަގީލް އާއި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާ ކަމަށް ބެލެވޭތީ އެ ދެބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ވެސް އޭސީސީން ވަނީ މައްސަލަ ފޮނުވާފަ އެވެ.