ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަގު ވަޒަންކުރުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ، އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސްޓާސް އޮފް ޓޫރިޒަމް" ގެ ނަމުގައި ވެބް ޕޯޓަލް އެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރައްވާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ 2021 ވަނަ އަހަރު ސްޓާސް އޮފް ޓޫރިޒަގެ ނަމުގައި ވެބް ޕޯޓަލް އެއް ގާއިމްކޮށް، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ތެރެއިން މަސައްކަތުގައި ފާހަގަކުރެވޭ ދާއިރާގެ ޕްރޮފެޝަނަލް މުވައްޒަފުންގެ އަގު ވަޒަން ކުރަން ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްްޓަރު މިއަދު ކުރެއްވި ޓްވީޓު --

އެގޮތުން ޓޫރިޒަމްގެ މައިގަނޑު ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މަސައްކަތަށް އެންމެ ރަނގަޅު ޕްރޮފެޝަނަލް މަސައްކަތްތެރިންގެ އަގު ވަޒަންކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 50 އަހަރުވާން ދާއިރު، ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އެންމެ ބޮޑު ޝަކުވާ އަކީ ރަނގަޅު މުސާރަ ނުދިނުމާއި ސާވިސް ޗާޖުގެ ހަމަހަމަކަން ނެތުމާއި، ބޭރު މުވައްޒަފުންނާ ދިވެހިންނާމެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ޝަކުވާ އެވެ.

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިގެންފައިވާއިރު މުވައްޒަފުންގެ އޮފްޑޭ އާއި ޗުއްޓީ ގެ ކަންތައްތައް ހަމަޖެހިފައި ނެތުމާއި ކުޑަ މުސާރައެއްގައި މުޅި ދުވަހު އެއްކޮށް މަސައްކަތްކުރަން ޖެހުމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.