ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދީ،ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުމަށް ހުއްދަ ދީފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ޑިސެމްބަރު 20 އިން ފެށިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާއްތައް ބާއްވަން ހުޅުވާލާ، ގައިޑްލައިންތަކާ އެއްގޮތަށް ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭގެ އެންގުމުގައި އިތުރަށް ބުނީ މާލެ ސަރަހައްދުގައި އެއްފަހަރާ 15 މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެ ކަމަށް މީގެ ކުރިން އޮތްނަމަވެސް އެކަން ބާތިލްކޮށްފައިވާ ކަމަށެވެ.

އަދި އެއްފަހަރާ 15 މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް އޮތް އޮތުންވެސް މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ.

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭ އިން ދަނީ ލުއިތަކެއް ދެމުންނެވެ. އެގޮތުން 14 ދުވަހުގެ ކަރަންޓީނު 10 ދުވަހަށް ކުޑަކޮށް، ޕީސީއާރު ނެގެޓިވް ނަތީޖާ އަކާއެކު ދިވެހިންނަށް ރިސޯޓަށް ޗުއްޓީ އަށް ދެވޭގޮތަށް ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.

އެޗްޕީއޭ އިން ބުނީ ލުއި ދިން ނަމަވެސް އެ އެޖެންސީގެ ގައިޑްލައިންތަކަށް އަމަލުކުރަން ވާނެ ކަމަށެވެ. އަދިވެސް ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. އަދި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.

އެޗްޕީއޭގެ މައުލޫމާތަށް ބަލާއިރު އަންލިކްޑް ކޮވިޑް ކޭސްތަކުގެ އަދަދުވެސް ވަނީ ލެވެލް އެކަކަށްވުރެ ދަށަށް ގޮސްފައެވެ. ފްލޫ ކްލިނިކް ޕޮޒިޓިވިޓީ ރޭޓް ލެވެލް އެކެއްގައި ހުރިއިރު ޕްރަޔޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ހުރީ ލެވެލް އެކެއްގައި އެއްވަރެއްގައި ހިފެހެއްޓިފައެވެ.