މިހާރު މާލޭގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މީޑިއާ އަށް ހަމަލާދޭ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފި އެވެ.

އެ ކޮމިޝަނުން އިއްޔެ އާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ހަމަނުހުންތަކުގައި ނޫސްވެރިޔަކަށް ހަމަލާދީ ޒަހަމްކޮށްލި އަމަލަކީ އިންސާނިއްޔަތާ ހިލާފު ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އެފަދަ ކަންކަމުގައި އަޑުއުފުލާ ފަރާތްތަކަށް ކުރިމަތިވަމުންދާ ބިރުދެއްކުންތަކާއި ލިބެމުންދާ އަނިޔާތަކުގެ އިތުރުން މުދަލާއި ތަކެއްޗަށް ދެމުންދާ ގެއްލުންތައް އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.

އަދި ބުނެފައި ވަނީ މިހާރު ހިނގަމުންދާ މުޒާހަރާތަކާއި އެއްވުންތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި ގިނަފަރާތްތަކަކަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދާތީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމަށާއި އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އިންސާނީ ކަރާމާތާއި ދިރިހުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤަކަށް ވީ ހިނދު އެ ޙައްޤަށް އެއްވެސް ފަރާތަކުން އެއްވެސް މަޤްސަދެއް ހާސިލުކުރުމަށް ޓަކައި އަރައިނުގަތުމަށާއި މިފަދަ އަމަލުތައް ފުރިހަމައަށް ތަހުގީޤުކޮށްދޭން ޖެހޭ ޙައްޤު އަދަބު ދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި އެއްވުންތައް ރޫޅާލުމުގައި އަމަންބަލަހައްޓާ ފަރާތްތަކުން އެއްވެސް ފަރާތްތަކަށް އަނިޔާ ނުވާނޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.