17 Dec 2020, 20:11
މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާގެ ބޯޑަރުތައް އިންޓަނޭޝަނަލް ޝެޑިއުލް ދަތުރުތަކަށް ހުޅުވާލާނެ ކަމަށް ބުނެފިއެވެ.
ކޮވިޑް19 ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަށް މަހު ލަންކާގެ ބޯޑަތުތައް އޮތީ ބަންދުކޮށްފައެވެ. ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނީ އިންޓަނޭޝަނަލް ޗާޓަރު އަދި ޝެޑިއުލް ދަތުރުތަކަށްވެސް އެ ދުވަހުން ފެށިގެން ލަންކާ ހުޅުވާލާނެ ކަމަށެވެ.
އެއާއެކު ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ލަންކާއަށް ފަތުރުވެރިންނަށްވެސް އެތެރެވެވޭނެއެވެ.
މީގެކުރިން މިއަހަރުގެ އޮގަސްޓުމަހު ލަންކާގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނަމަވެސް ދުނިޔޭގައި ބަލީގެ ހާލަތު އޮތްގޮތުން އެކަން ފަސްކުރީއެވެ. މިއަހަރުގެ މެއި މަހުން ފެށިގެން ލަންކާގައި ކޮވިޑް ފެތުުރުން ކޮންޓްރޯލު ކުރެވިފައޮ އޮތްނަމަވެސް އޮކްޓޯބަރުގައި އެގައުމަށް ވަނީ ބަލީގެ ދެވަނަ ރާޅެއް ބިންދާލައިފައެވެ.
ސްރީލަންކާގެ ޓޫރިޒަމް ޗެއާޕާސަން ކިމާލީ ފާނެންޑޯ މީގެ ކުރިން ވިދާޅުވީ އެގައުމުގެ ފަތުރުވެރިކަން މަޑުމަޑުން ހުޅުވާލަން ނިންމާފައިވާއިރު އެގައުމުގައި އޮންނަ ދެ އިންޓަނޭޝަނަލް އެއާޕޯޓުވެސް ފަތުރުވެރިންނަށް ހުޅުވާލަން ރާވާފައިވާ ކަމަށެވެ.
އަދި ނިންމާފައި އޮތީ ލަންކާ އަށް ދާ ފަތުރުވެރިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ ގޮތަށެވެ. ނަމަވެސް އެކަމަށް ލުއި ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ލަންކާގެ ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ފަތުރުވެރިން އޮންލައިންކޮށް ވިސާ ނަގަންޖެހޭއިރު ރެޖިސްޓާޑް ޓޫރިސްތު ފެސިލިޓީއެއްގައި ބުކިން ހައްދަން ޖެހެއެވެ. އަދި 28 ދުވަހަށްވުރެ އިތުރަށް ތިބޭ މީހުންނަށް އެމީހަކު ބޭނުން ތަނެއްގައި ހުރުމަށް ފުރުސަތު ދޭނެއެވެ.
ފަތުުރުވެރިން، ޓޫރިސްޓު ސައިޓުތަކަށް ދާންޖެހޭނީ ރެޖިސްޓާޑް ޓުއަ ގައިޑަކާއެކު ކަމަށްވެސް ލަންކާގެ ގައިޑްލައިންތައް ބުނެއެވެ.
މިވަގުތު ސްރީލަންކާ އަށް ޓާކިޝް އެއާލައިންސް އާއި އެމިރޭޓްސް އަދި ގަތަރު އެއާވޭސް އާއި އިއްތިހާދު އެއާވޭސްގެ އިތުރުން ސްރީލަންކަން އެއާލައިނސް އިން ކާގޯ އަދި ޑިޕާޗާ/ ރެޕަޓްރިއޭޝަން ފްލައިޓުތައް ބާއްވަ އެވެ.
ލަންކާގައި ކޮވިޑުޖެހުނު މީހުންގެ އަދަދު 32،000 އިން މައްޗަށް ގޮސްފައިވާއިރު 147 މީހުން ވަނީ މަރުވެފައެވެ.