ދައުލަތުން ދޭ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ޖަލްސާ މިމަހުގެ 26 ވާ ހޮނިހިރު ދުވަހުގެރޭ ބާއްވަން ނިންމައިފިއެވެ.

ރައީސިލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ޖަލްސާ އޮންނާނީ އެރޭ ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

އެ ޖަލްސާ ބާއްވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ޖަލްސާގައި ދޭނެ އިނާމުތަކުގެ ތެރޭގައި، ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ދިވެހި ދައުލަތުން ދޭ އެކިއެކި އިނާމުތައް ދިނުމަށްމި ބާއްވާ ޖަލްސާ އިންތިޒާމު ކުރަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަމަށެވެ.

ޖަލްސާގެ ކަންތައްތައް ރާވަނީ އެޗްޕީއޭގެ އިރުޝާދާއެކު ކޮވިޑުގެ ހާލަތާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށާއި އެހެންކަމުން، ޖަލްސާއަށް ދައުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށް ވުރެ މި އަހަރު މަދުވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ

ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި އޮތުމުން ޖުމްހޫރީ ދުވަހުގެ ޖަލްސާ އާއި ގައުމީ ދުވަހުގެ ޖަލްސާވެސް މިއަހަރު ބާއްވައިފައެއް ނުވެއެވެ.