17 Dec 2020, 17:26
ޕެރިސް (ޑިސެމްބަރު 17): ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ ކަމަށް އޭނާގެ އޮފީހުން މިއަދު އިއުލާންކޮށްފި އެވެ.
ފްރާންސުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން މެކްރޮންއަށް ބަލި ޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނުމުން ޕީސީއާރު ޓެސްޓެއް ހެދުމުންނެވެ. ނަމަވެސް އެއީ ކޮން އަލާމާތްތަކެއް ކަމެއް އެ އޮފީހުން ހާމަ ނުކުރެ އެވެ.
"ބަލި ޖެހިފައިވާކަން އެނގުނީ [ބަލީގެ] ފުރަތަމަ އަލާމާތްތައް ފެނުމާއެކު ހެދި ޕީސީއާރު ޓެސްޓަކުން،" ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ކުރިއަށް އޮތް ހަތް ދުވަހު މެކްރޮން މަސައްކަތް ކުރައްވަނީ އެކަހެރިވެ ހުންނަވައިގެންނެވެ. އަދި އޭނާ އާއި ބޮޑުވަޒީރު ޖޯން ކަސްޓެކްސް އެއްކޮށް މަސައްކަތް ކުރައްވާފައި ވާތީ ބޮޑުވަޒީރުވެސް އެކަހެރިވެވަޑައިގަންނަވާނެ އެވެ.
މީގެ ކުރިން ކޮވިޑް ޖެހުނު ލީޑަރުންގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ހިމެނެ އެވެ.
ފްރާންސުގައި މިހާތަނަށް 2.4 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 59,361 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުން ބަލި ކޮންޓްރޯލް ކުރަން މިދިޔަ މާޗް މަހު ފުރަތަމަ ފަހަރަށް ފުރަބަންދު ކުރުމަށް ފަހު ގައިދުރު ކުރުމުގެ ފިޔަވަޅުތައް މެއި މަހު ލުއި ކުރަން ފެށި އެވެ. ނަމަވެސް ކޮވިޑުގެ ދެވަނަ ރާޅެއްގެ ސަބަބުން މިދިޔަ އޮކްޓޯބަރު މަހުގެ 30ގައި އަނެއްކާވެސް ފުރަބަންދު ކުރި އެވެ. އަދި މިހާރު އެގައުމުގައި ބަލީގެ ކޭސްތައް މަދުވުމުން އެ ފިޔަވަޅުތައް ލުއި ކުރަން ވަނީ ފަށާފަ އެވެ.
ފްރާންސާއި ޔޫރަޕްގެ އެހެން ގައުމުތަކުންވެސް މިހާރު ތިބީ ކޮވިޑް ވެކްސިން ވީހާވެސް އަވަހަކަށް ހޯދާ، މީހުންނަށް ދޭން ފެށުމުގެ އުއްމީދުގަ އެވެ. އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާސަލާ ވޮން ޑާ ލަޔަން ވަނީ މި މަސް ނިމުމުގެ ކުރިން ޔޫރަޕުގައި ވެކްސިން ދޭން ފެށޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.