ކޮލަމްބޯ (ޖެނުއަރީ 25): ކޮލަމްބޯގެ ވެލިކަޑާ ސަރަޙައްދުގެ މެގަޒިން ޖަލުގެ ގައިދީންނާއި އެ ޖަލުގެ ގާޑުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ތިރީހަކަށް މީހުން ޒަޚަމްވެ ޖަލުގެ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ސްރީލަންކާގެ އިންފޮރމޭޝަން ޑިޕާޓްމަންޓުން ބުނި ގޮތުގައި ގިނަ ބަޔަކު ޒަޚަމްވީ ގައިދީން ޖަލުގެ ގާޑުންނަށް ޙަމަލާދިނުމުން އެމީހުން ކޮންޓްރޯލްކުރުމަށް ޓަކައި ކަރުނަ ގޭހުގެ އިތުރުން ބަޑި ޖަހަން ޖެހުމުންނެވެ. އިއްޔެ ފެށުނު ކުރިމަތިލުންތައް ކޮންޓްރޯލް ކުރުމަށް ޓަކައި ސިފައިންގެ އެހީ ހޯދަން ވެސް ޖެހުނުކަމަށާއި ނަމަވެސް ހަމަނުޖެހުންތައް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ޓަކައި ފުލުހުން ވަނީ ކަރުނަގޭހާއި ލަޓިބުރި ބޭނުންކުރުމުގެ އިތުރުން ބަޑީގެ ބޭނުން ވެސް ކޮށްފަ އެވެ. އުންޑައެރި މީހުންނަށް ދަނީ ކޮލަންބޯގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ކަމަށް ޚަބަރުތައް ބުނެ އެވެ.

ހަމަނުޖެހުންތައް ހިންގި ގައިދީން ވަނީ އޮއްގަލާއި ދަގަނޑުބުރި އާއި އެނޫން ވެސް ތަކެތިން ގާޑުންނަށާއި ފުލުހުންނަށް ޙަމަލާދީ ޖަލުގެ އެކުވެނީގެ ބައެއް ޢިމާރާތްތަކުގައި އަލިފާންޖަހައި ރޯކޮށްލާފަ އެވެ. އަލިފާންގަނޑު ނިއްވާލެވުނީ ސިފައިންގެ ފަޔާ ކޮންޓްރޯލް ޑިޕާޓްމަންޓްގެ އެހީގައި ކަމަށް ސަރުކާރުން ބުނެ އެވެ.

މިޖަލުގައި ހަމަނުޖެހުން އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވީ ކުރީގެ ޓައިގަރު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އެލްޓީޓީއީ އަށް ނިސްބަތްވާ ބައެއް ކަމަށާއި އެމީހުން މިހާރު ވަނީ މެގަޒިން ޖަލުން ވެލިކަޑާގެ މައި ޖަލަށް ބަދަލުކުރެވިފައި ކަމަށް ޖަލުގެ އިސް އޮފްސަރަކު ވިދާޅުވި އެވެ. މެގަޒިން ޖަލުގައި ގައިދީން ހަމަނުޖެހުން ހިންގީ އެމީހުންނަށް ކާންދޭ ކާބޯތަކެތީގެ ފެންވަރުދަށްވުމުގެ އިތުރުން ޖަލުގައި މީހުން ތޮއްޖެހި ނުސާފުވެ އިންތިޒާމްގެއްލުމުގެ ސަބަބުން ކެތްނުކުރެވިގެން ކަމަށް ގައިދީންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

ކޮލަންބޯގެ މެގަޒިން ޖަލަކީ ވަގުތީ ގޮތުން މީހުން ބަންދުކުރާ ރިމާންޑް ސެންޓަރެކެވެ. ދެހާސް ދިހަ ވަނަ އަހަރު އަހަރު ވެސް މިޖަލުގައި ގައިދީން ހަމަނުޖެހުންތަކެއް ހިންގާފައިވެ އެވެ. އެފަހަރުހަމަނުޖެހުންތައް ހިންގީ ގައިދީން ގަވައިދާ ޚިލާފަށް ގެންގުޅުނު މޯބައިލް ފޯނުތަކެއް އަތުލަން ފުލުހުން މަސައްކަތްކުރުމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.(ރޮއިޓާސް)