17 Dec 2020, 15:24
ސަތާރަ ގްރާމުގެ ކެނަބިސްއާ ހަވާލުވި މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 100،000 ރުފިޔާއިން ޖޫރިމާނާކޮށްފި އެވެ.
ޖޫން 15، 2017ވީ ދުވަހު ހުޅުމާލޭ ގެއެއްގައި ބަޔަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބިގެން، ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެ ގެއިން ވަނީ ކެނަބިސް ފެނިފަ އެވެ. އެ ގެއިން ހއ. ބާރަށު، ލައިކްސްހައުސް، މުހައްމަދު އިސްތަފާގެ އިތުރުން އެހެން ބަޔަކު ހައްޔަަރު ކުރި އެވެ.
ފުލުހުން ބަލާ ފާސްކުރި ގެއެއްގެ ކޮޓަރިއެއްގައި ހުރި ފާހާނާގެ ފާހާނާތަށީގައި ހުރި ގުލީގެ ތެރެއިން ފެނުނު ފިލްމު ހުސްކުރި ދަޅަކުން ވަނީ 5.2426 ގްރާމުގެ ކެނަބިސްފެނިފަ އެވެ. އަދި އެތަނުން ނެގި ރަބަރު ކޮތަޅެއްގެ ތެރެއިން ފެނުނު 49 ސެލޯފިން ކޮޅުގައި 11.5712 ގްރާމުގެ ކެނަބިސް ފެނިފައިވެ އެވެ. އޭގެ އިތުރުން، ފުޅިއަކުން 0.2972 ގްރާމް ކެނަބިސް ފެނިފައިވެ އެވެ. އަދި އެ ފާހާނާގެ ފެންލައިޓާ ދިމާލުން ވައިގޮޅިން ފެނުނު ތަޅުދަނޑިއަކުންނާއި، ނިޔަފަތި ކަނޑާ ދައްޗަކުންނާއި ވަޅިއަކުންވެސް ކެނަބިސްގެ އަސަރު ފެނިފައިވެ އެވެ. ނަމަވެސް، އެއީ ކިރޭ މިންވަރަށް ވުރެ ކުޑަ އެއްޗެކެވެ. އެތަނުން ފެނުނީ ޖުމްލަ 17.111 ގްރާމު ކެނަބިސް އެވެ.
އިސްތަފާގެ މައްޗަށް ދައުލަތުން އުފުލީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މި މަހުގެ އެއް ވަނަ ދުވަހު އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އިއްވެވި ހުކުމުގައި ބުނެފައި ވަނީ، އެ ގެއިން ފެނުނު މަސްތުވާތަކެއްޗަކީ އެނާގެ އެއްޗެހި ކަމަށް އެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށާއި، ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުގައި ބުނެ، އިސްތަފާ އިއުތިރާފުވެފައިވާ ކަމަށެވެ.
ނަމަވެސް، ފަހުން ޝަރީއަތުގައި އިސްތަފާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. މުއްދަތު މަޖިލީހުގައި އޭނާ ބުނެފައި ވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ، ފަރުވާ ބޭނުންވާ މީހެއް ކަމަށާއި، 49 ޕެކެޓުގައި ހުރި މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރަން ބަހައްޓާފައި ހުރި އެއްޗެހި ކަމަށް އޭނާ ފަހުން ބުނެފައިވެ އެވެ. އެ ހުރިހާ އެއްޗަކީ އޭނާގެ އެއްޗެހި ކަމަށް ނުބުނާ ކަމަށްވެސް އިސްތަފާ ފަހުން ބުނެފައިވެ އެވެ.
ފެނުނު މަސްތުވާތަކެއްޗާ ހަވާލުވާން ޖެހުނީ ފުލުހުން އެ ސީންގައި އިސްތަފާ އާއި އޭނާއާއެކު އެ ގޭގައި ތިބި އެހެން މީހުންނަށް އަނިޔާ ކުރުމުން ކަމަށްވެސް އޭނާ ކޯޓުގައި ބުނެފައިވެ އެވެ. ތަހުގީގަށް ދިން ބަޔާންވެސް ބަދަލުވެފައިވާހެން ހީވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ ތަކެއްޗާ ހަވާލުވާނެ މީހަކު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅަންވެސް އޭނާ އެދުނެވެ. އިސްތަފާ އިތުރަށް ބުނެފައި ވަނީ، އެ މަސްތުވާތަކެއްޗަކީ އޭނާގެ އަތުން ނެގި އެއްޗެއް ނޫން ކަމަށާއި، އެ ތަކެތި ފެނުނީ އޭނާ ދިރިއުޅޭ ތަނަކުންވެސް ނޫން ކަމަށެވެ.
އެ މައްސަލައިގައި ދައުލަތުން ހެކިވެރިންގެ ގޮތުގައި ހުށަހެޅީ އެ ސީނަށް ހާޒިރުވި ފުލުހުންނެވެ. ހުކުމުގައި ބުނެފައި ވަނީ، އިސްތަފާ ހުރި ކޮޓަރިން ފެނުނު ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ފުލުހުން ގާތުގައި ބުނި ކަމަށް އެ ހެކިވެރިންގެ ހެކިބަހުން އެނގެން އޮތް އިރު، ފެނުނީ ކެނަބިސްކަން ދައުލަތުން ހުށަހެޅި އެނަލިސިސް ރިޕޯޓުން އެނގޭ ކަމަށެވެ.
އޭގެ އިތުރުން، ކޯޓު އަމުރު ދެއްކި ކަމާއި ގާނޫނީ އިންޒާރު ދިންކަން އެ ފުލުހުންގެ ހެކިބަހުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި މަސްތުވާތަކެތި އެވިޑެންސް ބޭގަށް ލީ އިސްތަފާގެ ހާޒިރުގައި ކަމަށް ފުލުހުންގެ ހެކިބަހުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
މަސްތުވާތަކެތި ފެނިފައި ވަނީ އިސްތަފާގެ ބެލުމުގެ ދަށުގައިވާ ތަނަކުންކަން ސާބިތުވާ ކަމަށާއި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ދައުވާ ސާބިތުވުމުން އިސްތަފާގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އޭނާ 100،000 ރުފިޔާއިން ޖޫރިމާނާ ކުރި އެވެ.
ޓްރެފިކިން މައްސަަލަތައް ސާބިތުވެއްޖެ ނަމަ ކުރަނީ އުމުރު ދުވަހުގެ ޖަލު ހުކުމެވެ. އެއީ 25 އަހަރެވެ. މިފަދަ މައްސަލަތަކުގައި އެއް ލައްކަ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމާނާ ކުރެވޭނެ އެވެ.