17 Dec 2020, 14:25
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭނަމަ، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އެ ކޯލިޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ ފަރާތްތަކުން ގެންދަނީ ރަސްމީ ދަތުރުތަކުގެ ނަމުގައި ކެމްޕެއިން ކުރަމުން ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނަށް އެ ފުރުސަތު ނުލިބޭ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން މާލޭގައިވެސް އަދި އަތޮޅު ތެރޭގައިވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތް ކަމަށް ހީނާ ވިދާޅުވި އެވެ.
"މިގޮތަށް މިކަންދާނަމަ، އަޅުގަނޑުމެން ގަބޫލެއް ނުކުރަން ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ދެފުށްފެންނަ އިންތިހާބަކަށް ވެގެންދާނެ ކަމަށް. އަދި ހަމަހަމަކަމާއެކު ކެމްޕެއިން ކުރުުމުގެ ފުރުސަތު ނުލިބޭނަމަ، ޕީޕީއެމް-ޕީއެންސީން މި މައްސަލަ ކޯޓަށް ހުށަހަޅާނަން،" ހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭގައި ތިބި ކޯލިޝަންގެ ލީޑަރުންނާއި ކައުންސިލް މެމްބަރުން، ރަށްރަށުގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް އެ ރަށްރަށަށް ދަތުރުކުރަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، އެ ފުރުސަތު އެޗްޕީއޭ އިން ފަހިކޮށް ނުދޭތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ރަށްރަށަށް ދަތުުކުރުމަށް އެޗްޕީއޭއަށް ހުއްދައަށް އެދި ސިޓީ ފޮނުވި ކަމަށާއި އެހެން ނަމަވެސް އެ އިދާރާއިން އެ ސިޓީތަކަަށް ޖަވާބު ދީފައި ނުވާ ކަމަށް ހީނާ ވިދާޅުވި އެވެ.
"މިއަދާ ހަމައަށްވެސް އެޗްޕީއޭއިން އަޅުގަނޑުމެންނަށް ޖަވާބެއް ދީފައި ނުވާތީވެ، މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. ގުޅުމުން ފޯނަށް ޖަވާބުވެސް ނުދެއްވާ،" ހީނާ ވިދާޅުވި އެވެ.
"މިއަދު އެޗްޕީއޭ އަކީ ސަރުކާރު ނަގަހައްޓާ، ދަމަހައްޓާ އަދި ސަރުކާރު ވެއްޓުނަނުދީ ހިފަހައްޓާ މުޑިއެއްގެ ގޮތުގައި ސިފަކުރެވެނީ،"
އިދިކޮޅުން އަންނަނީ މިރޭ ފުވައްމުލަކުގައި ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންނެވެ. ހީނާ ވިދާޅުވީ، އެ ޖަލްސާގައި ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވުމަށް ފުވައްމުލަކަށް ދަތުރުކުރުމަށް އެޗްޕީއޭގައި އެދުމުން އެކަމަށްވެސް އަދިވެސް ހުއްދަ ނުލިބޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ޝަކުވާއަކީ، [އެޗްޕީއޭއިން]ކީއްވެގެންތޯ މިގޮތަށް ތަފާތުކުރުން ބާއްވަނީ،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ހޯރަފުށި އަދި ލ. އަތޮޅުގައި ސަރުކާުން ބޭއްވި އިވެންޓްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް އާއި ވަޒީރުން އަދި ކުންފުނިތަކުގެ އިސްމީހުންނަށް ދަތުރުކުރުމުގެ ހުއްދަ ވަރަށް ފަސޭހައިން ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ސުވާލުކޮށްލަން ބޭނުން ވަނީ އިދިކޮޅު ބޭފުޅުން ދަތުރު ކުރީމަތޯ ރާއްޖޭގެ ރަށްތަކަށް ކޮވިޑް ފެތުރިގެން ދަނީ، ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ކުންފުނިތަކުގެ ބޭފުޅުންނަކީ ކޮވިޑް ފްރީ ބޭފުޅުންތޯ،" ހީނާ ސުވާލު އުފެއްދެވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިފަހުން ވިދާޅުވީ ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހުރެ ކެމްޕޭން ކުރަން ޖާގަ ނުލިބޭ ނަމަ އިންތިހާބު ބާއްވަން އިއުލާން ނުކުރާނެ ކަމަށެވެ. އަދި ކެމްޕޭން ކުރުމުގެ ފުރުސަތު ހޯދުމަށް އެޗްޕީއޭއާ އެކު މަޝްވަރާކުރާނެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ސަރުކާރުގެ ވެރިން ކެމްޕޭން ކުރާ ކަމަށް ބުނާ ވާހަކަތައް ޝަރީފް ގަބޫލެއް ނުކުރައްވަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އަންނަ މާޗް މަހުގެ 16 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އެ ތާރީހުގައި އިންތިހާބު ބާއްވަން ކޮމިޝަނުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.