ޗައިނާއިން ހަނދުގެ އިތުރު ދިރާސާތައް ކުރުމަށްޓަކައި ފޮނުވި "ޗަންގްއާ-5" ހަނދުން ސާމްޕަލް ނެގުމަށްފަހު އެނބުރި ދުނިޔެއަށް އަތުވެއްޖެ އެވެ.

ހަނދުން ގަލާއި ވެލި ނަގައިގެން ޗަންގްއާ-5 އައިސްފައިވަނީ ޗައިނާގެ ލޯކަލް ގަޑީން ދަންވަރު 0130 ގައެވެ. އެ މިޝަން ރާއްޖެ އައިސް ޖައްސާފައިވަނީ މޮންގޯލިއާގެ ސަރަހައްދަކަށެވެ.

އެއާއެކު ޗައިނާ ވެގެން ގޮސްފައިވަނީ ހަނދުން ސާމްޕަލް ގެނައި ތިންވަނަ ގައުމަށެވެ. މީގެ ކުރީން އެމެރިކާ އާއި ރަޝިއާ އިން ވަނީ ހަނދުން، ދުނިޔެއަށް ސާމްޕަލް ގެނެސްފަ އެވެ. ޗައިނާއިން ސާމްޕަލް ދުނިޔެއަށް ގެނެސްފައިވަނީ އެ ގައުމުތަކުން ސާމްޕަލް ގެނައިތާ 40 އަހަރަށް ފަހު އެވެ.

އެ ސާމްޕަލްތައް ނެގުމަށްޓަކައި ޗައިނާއިން ހާއްސަ ރިކަވަރީ ޓީމެއް ގޮސް އެ ތަކެތި ވަނީ މިހާރު ލެބަށް ގެންގޮސްފަ އެވެ.

ޗަންގްއާ-5 ގެނައި ސާމްޕަލް އާއެކު ހަނދުގެ ޖިއޯލޮޖީއަށް އާ ނަޒަރަކުން ބެލުމަށް އިތުރު ޑޭޓާ ލިބިގެންދާނެ އެވެ.

އެ މިޝަންއާ އެކު ޗައިނާއިން ވަނީ އެގައުމުން ސްޕޭސް ޓެކްނޮލޮޖީ ތަރައްގީ ކުރަމުން އަންނަ މިންވަރު ހާމަކޮށްދީފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ހިދުމަތް އިތުރަށް ތަރައްގީ ކުރާނެގޮތުގެ މަގުޗާޓަށްވެސް ވަނީ އަލިއަޅުވާލާފަ އެވެ.