17 Dec 2020, 12:53
ޖަކާޓާ (ޑިސެމްބަރު 17): އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ކޮވިޑް-19 ވެކްސިން ދޭން ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދު ތެރޭ ނުވަތަ ފަހުކޮޅު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ޑރ. ޓަކެޝީ ކަސައި ވިދާޅުވި ގޮތުގައި ރައްކާތެރި ވެކްސިންއެއް ތައްޔާރުކުރުމާއި އެންމެންނަށް ބޭނުންވާ ވަރަށް އެ ވެކްސިން އުފެއްދުމަކީ ތަފާތު ދެ ކަމެކެވެ. އަދި ވެކްސިން އުފައްދާ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދާފައިވާ ގައުމުތަކުން ކުރިއަށް އޮތް މަސްތަކުގައި ވެކްސިން ދޭން ފެށި ނަމަވެސް އެހެން ގައުމުތަކަށް ވެކްސިން ލިބުން އެއަށް ވުރެ ލަސްވެދާނެ ކަމަށް ޑަބްލިޔުއެޗްއޯގެ ވެސްޓަން ޕެސިފިކް ކޯޑިނޭޓާ ޑރ. ސޮކޮރޯ އެސްކަލާތޭ ވިދާޅުވި އެވެ.
"ވެސްޓަން ޕެސިފިކްގެ ގާތްގަނޑަކަށް ހުރިހާ ގައުމަކުން ވަނީ ކޮވެކްސް ފެސިލިޓީއާ ގުޅިފައި. ކޮވެކްސް ފެސިލިޓީން ވެކްސިން ލިބޭނެ ކަމަށް ބެލެވެނީ 2021ގެ ދެވަނަ ކުއާޓަރުގައި،" އެސްކަލާތޭ ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯ އާއި ވެކްސިން އެލަޔަންސްތައް ކަމަށްވާ ގަވީ އާއި ސެޕީއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސްކީމެކެވެ. އަދި އެ ސްކީމުގެ މަގުސަދަކީ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭ ވަރަށް، އަންނަ އަހަރު ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އަދި އޭގެ ތެރެއިން އެއް ބިލިއަން ޑޯޒް ދާނީ ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށެވެ.
ޑަބްލިޔުއެޗްއޯއިން ވެސްޓަން ޕެސިފިކް ރީޖަންގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުގައި ހިމެނޭ 37 ގައުމާއި ޓެރިޓަރީތަކުގެ އާބާދީ 1.9 ބިލިއަނަށް އަރަ އެވެ.