25 Jan 2012, 14:50
މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވިކްޓަރީން ރާއްޖެ ތެރެއަށް ކުރާ ފުރަތަމަ ދަތުރުގައި މިއަދު ޅ. ހިންނަވަރަށް ހިގައްޖެ އެވެ.
ވިކްޓަރީން މިއަދު ހިންނަވަރަށް ކުރި ދަތުރުގައި އެ ރަށު ޒުވާނުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ޓީމަށް ކިޔާފައި ވާކަމަށް ޓީމުގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ވަނީ ބުނެފަ އެވެ.
މެނޭޖަރު އަޔާ ބުނީ، ވިކްޓަރީން ޅ. އަތޮޅަށް ކުރާ ދަތުރަކީ ފަސްދުވަހުގެ ދަތުރެއް ކަމަށާއި ދަތުރު ނިންމާލުމަށް ފަހު މާލެ ދިއުމަށް ހަމަޖެހިފައި ވަނީ މިމަގުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި މިދަތުރުގައި ހިންނަވަރުގެ ޒުވާން ޓީމްތަކާ އެކު ރަހުމަތްތެރި ކަމުގެ ޕްރެކްޓިސް މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެރަށާ ޖެހިގެން ކާރީގައި އޮތް ކުރެއްދޫ ރިސޯޓުގައި ވެސް ވިކްޓަރީން ވަނީ މެޗްތަކެއް ކުޅުމަށް ނިންމާފައި ކަމަށެވެ. އަދި މިދަތުރުގައި ވިކްޓާރީގެ ސީނިޔާ ޓީމުގެ ކުޅުންތެރިންގެ އިތުރުން ޖޫނިޔާ ޓީމް ވެސް ބައިވެރިވާ ކަމަށް އަޔާ ބުންޏެވެ.
"މިދަތުރަކީ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވިކްޓަރީން ރާއްޖެ ތެރެއަށް ކުރި ފުރަތަމަ ދަތުރު. ހިންނަވަރުގެ ޒުވާނުން ވިކްޓަރީއަށް ކިޔާފައި ވަނީ ހޫނު މަރުހަބާއެއް. ވިކްޓަރީން ވަނީ ހިންވަރުގެ ޒުވާނުންނާ އެކު ރަހުމަތް ތެރިކަމުގެ މެޗްތަކެއް ކުޅުމަށް ނިންމާފައި. މިދަތުރުގައި ސީނިޔާ ޓީމުގެ މެޗްތަކުގެ އިތުރުން ޖޫނިޔާ ޓީމުގެ މެޗްތައް ވެސް ކުޅޭނެ. ވިކްޓަރީގެ ޖޫނިޔާ ޓީމް މިހާރު ތައްޔާރު ވަމުން އެ އަންނަނީ އަންނަ މަހު ފަށާ 21 އަހަރުން ދަށުގެ އެފްއޭ ކަޕަށް." އަޔާ ބުންޏެވެ.
އަޔާ ބުނީ، ވިކްޓަރީގެ މިދަތުރުގައި ސީނިޔާ ޓީމުގެ ކުޅުންތެރިންނާ ޖޫނިޔާ ޓީމުގެ ހުރިހާ ކުޅުންތެރިން ކަހަލަގޮތަކަށް ބައިވެރިވެފައިވާ ކަމަށެވެ.
ކުރިއަށް އޮތް އޭއެފްސީ ކަޕްގައި ވެސް ބައިވެރިވާ ވިކްޓަރީގެ ސީނިޔާ ޓީމުން އަންނަ މަހުގެ ކުރީކޮޅު އިންޑިއާގައި ބާއްވާ ފުޓްބޯޅަ މުބާރާތެއްގައިވެސް ބައިވެރިވާން ވަނީ ނިންމާފަ އެވެ.
މިއަހަރުގެ ފުޓްބޯޅަ މޫސުން ފެށެން ކުޑަ ދުވަސް ކޮޅަކަށް ވެފައިވާ އިރު، ވިކްޓަރީގެ ސީނިޔާ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު މާޒިޔާ އަށް ކުޅުނު އަކުރަމް އަބްދުލް ގަނީ އާއި މުހައްމަދު އުމެއިރު ހިމެނެ އެވެ. އަދި ނިއުއަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ވެސް ވިކްޓަރީއާ ގުޅުނު އިރު، ވީބީގެ އަހުމަދު ސައީދު (އައްމަޓީ) އާއި ވެލެންސިއާގެ ރިލްވާން ވަހީދު (ރިލޭ) ވެސް ވަނީ ވިކްޓަރީއަށް ބަދަލުވެފަ އެވެ.