އަންނަ އަހަރު ރައްކާތެރިކަމާއެކު ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކޮވިޑް19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން އިއްޔެ މަޝްވަރާކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އެޗްޕީއޭ އަދި ޓެގް ޓީމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ސްކޫލުތައް ހުޅުވާއިރު އިތުރަށް އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމަށެވެ.

މީގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މި އަހަރު ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ދިޔައިރު ދިމާވި ގޮންޖެހުންތަކާ އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރި އެވެ. ފުރަބަންދަށް ފަހު ޖުލައި މަހުގެ ފުރަތަމަ ދުވަހު ރަށްރަށުގައި ސްކޫލްތައް އަލުން ހުޅުވި އެވެ. މާލޭގައި ސްކޫލްތައް ހުޅުވީ ހަމައެކަނި މަތީ ގްރޭޑްތަކަށެވެ. އަދި ދަށް ގްރޭޑްތަކަށް މާލޭގައި ކިޔަވައިދިނީ އޮންލައިންކޮށެވެެ.

މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލައި ރިޕޯޓު ފޮތް ދޫކުރީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. ޗުއްޓީއަށް ފަހު އަލުން ސްކޫލްތަކުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހު އެވެ.

ނަމަވެސް އެކެޑެމިކް ކަލަންޑަރަށް ގެނައި ބަދަލާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފެށޭނީ އަންނަ އަހަރުގެ ދެވަނަ ޓާމްގަ އެވެ. އެއީ އަންނަ އަހަރުގެ އޮގަސްޓު މަހު 10 ވަނަ ދުވަހު އެވެ.