17 Dec 2020, 00:14
ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ"، ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ އެކަމަށްޓަކައި މިރޭ ވާޗުއަލްކޮށް ބޭއްވި ހަފުލާއެއްގައެވެ.
އެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި، ގައުމުގެ އިގްތިސޯދާއި ކަނޑުފަޅުތަކާ އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
އަދި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއެކު އެއްބަސްވުމެއް އެކުލަވާލައި، މަސައްކަތް ކުރައްވަން ނިންމެވީ، ދިވެހިން ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމަށް ވިދާޅުވިއެވެ.
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއަކީ ނޫ އިގްތިސޯދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުމީ ވިއުގައެކެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންނަށް އިގްތިސޯދީ ގޮތުން ކުރެއެރުން ހާސިލު ކުރެވޭނީ، އަދި ކުރަންވާނީ ވެސް، ކަނޑުތަކާ ރަހުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމަށެވެ.
އަދި، ދިވެހި ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ދިވެހިން ނުކުޅެދިއްޖެ ހާލަތެއްގައި، ދިވެހިންގެ ސިއްހަތާއި، ދިރިއުޅުމާއި، އިގްތިސޯދު ވެސް ސަލާމަތްކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، ނޫ އިގްތިސޯދެއް ބިނާކޮށް، ތިމާވެއްޓާ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްތަކެއްގެ މަތިން ތަރައްގީއާއި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
ކަނޑުތަކާއި ފަޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އ.ދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.
ރައީސްގެ އިތުރުން އެ ހަފުލާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވެސް ވާހަކަދެއްކެވިއެވެ.
2024 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ.
އެ ޕްރޮގްރާމް މެދުވެރިކޮށް، ނޫ އިގްތިސޯދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 ޕަސެންޓަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަގްސަދެވެ.
ނޫ ރާއްޖެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި، އެ ޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށްދިޔައެވެ.
ނޫ ރާއްޖެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު އެ ޕްރޮގްރާމްގެ ވެބްސައިޓް nooraajje.org އިން ލިބޭނެއެވެ.