17 Dec 2020, 00:05
ފަގީރު ގައުމުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮގްރާމު ފެއިލްވެ، ވެކްސިން ނުލިބޭނެކަމަށް ބުނަން އަދި މާ އަވަސް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ފަގީރު ގައުމުތަކަށް ބޭނުންވާ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ވަސީލްތަކާއި ބޭހާއި ވެކްސިން ގަތުމަށް އުފައްދާފައިވާ ފެސިލިޓީ ކަމަށްވާ "ކޮވެކްސް"ގެ ދަށުން ވެކްސިންގެ 2 ބިލިއަން ޑޯޒު ފޯރުކޮށްދިނުމަށް ވަނީ އަމާޒުހިފައިފައެވެ.
އެގޮތުން އަންނަ އަހަރު ނިމުމުގެ ކުރިން އެންމެ ވަލްނަރަބަލް އާބާދީގެ 20 ޕަސެންޓަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން އަންދާޒާކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެފްރިކާ، އޭޝިއާ އަދި ލެޓިން އެމެރިކާގެ ފަގީރު އަދި މެދު ފަންތީގެ އާބާދީ ލިބޭ 91 ގައުމެވެ.
އެ ސްކީމުގައި ރާއްޖެ ވެސް ބައިވެރިވެއެވެ. "ކޮވެކްސް" މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
ނަމަވެސް އެ ޕްރޮގްރާމްގެ ފެއިލްވެ، 2024 ވަނަ އަހަރާ ހަމައަށް ވެސް ފަގީރު ގައުމުތަކުގައި ދިރިއުޅޭ އެތައް ބިލިއަން ބަޔަކަށް ވެކްސިން ނުލިބިދާނެކަމުގެ ބިރު އޮތް ކަމަށް އިންޓާނަލް ޑޮކިއުމެންޓްތަކުން ހާމަވެފައިވާ ކަމަށް ރޮއިޓާސް އިން ވަނީ ބުނެފައެވެ.
މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އެ ޕްރޮގްރާމު މެދުވެރިކޮށް ފައިޒާ އަދި މޮޑާނާ ވެކްސިން ނުލިބުނު ނަމަވެސް، ކޮވެކްސް ފެސިލިޓީގައި ނުވަ ވެކްސިނެއް ހިމެނޭ ކަމަށެވެ.
އޭގެތެރޭގައި އެންމެ އަވަހަށް ހުއްދަ ލިބޭނެ ކަމަށް ބެލެވޭ އެސްޓްރާޒް އަދި އޮކްސްފޯޑް ވެކްސިން ވެސް ހިމެނޭކަން ޑރ ފާހަގަކުރެއްވިއެވެ.
"އެހެންވީމަ ވެކްސިން އަދި ނުލިބޭނޭ، ނުވަތަ ފެއިލިއާއެއް ކަމަށް ނިންމަން އަދި ތަންކޮޅެއް އަވަސް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއިން ބަރޯސާވެގެން އޮތީ ހަމައެކަނި ކޮވެކްސް ފެސިލިޓީއަށް ނޫން ކަމަށާއި، އިތުރު ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވެކްސްގެ ތެރެއިން ރާއްޖެއަށް ލިބޭ ވެކްސިންގެ 17 ޕަސެންޓް ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާނީ 50 އަހަރުން މަތީގެ މީހުންނާއި ހައިރިސްކް މީހުން އަދި އާންމު ހިދުމަތްތައް ދިނުމުގައި އުޅޭ ފްރޮންޓްލައިން މުވައްޒަފުންނަށެވެ.
ދެން ބާކީ ހުރި ވެކްސިން ގަތުމަށް އެހެން ގައުމުތަކާ ވެސް ވާހަކަ ދައްކައިގެން ކުރަމުން އަންނަ އިރު، ވެކްސިން ރާއްޖެ ގެންނަންވާއިރަށް ގާއިމް ކުރަން ޖެހޭ ސްޓޯރޭޖް ފެސިލިޓީތަކާއި ރަށްރަށަށް ވެކްސިން ގެންދިޔުމުގެ މަސައްކަތަށް ވެސް ރާވަން ޖެހޭ ލޮޖިސްޓިކްސް ކަންކަން އަންނަނީ ރާވަމުންނެވެ.