16 Dec 2020, 20:24
މިއަދު އިރުއޮއްސުނު ވަގުތު ގއ. ދާންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި، އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.
ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު "ސަން" އަށް ވިދާޅުވީ، އެކްސިޑެންޓު ހިނގީ އެރަށު ބޭރު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި ހުރި ކުއްޖާގެ ގައިގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. އެކްސިޑެންޓު ހިނގި މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ކައުންސިލް ރައީސް ވިދާޅުވީ، ކުޑަ ކުއްޖާ ވިއްސައިގެން ގޮސް ވަރަށް ބާރަށް ޖެހުނު ކަމަށެވެ.
އަދި އެކްސިޑެންޓުގައި ކުއްޖާގެ ބޯ ފަޅައިގެން ގޮސް، ފައިގެ ފަލަމަސްގަނޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެކުއްޖާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ވަގުތުން އެ އަތޮޅު ވިލިނގިއްޔަށް ވަނީ ފޮނުވާލައިފައެވެ. އަދި މިހާރު އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ގއ. އަތޮޅު ހޮސްޕިޓަލުން ވަނީ ނިންމައިފައެވެ.
ކުޑަ ކުއްޖާއަކީ ފުވައްމުލަކަށް ނިސްބަތްވާ ކުއްޖެކެވެ. އެކުއްޖާ ދާންދުއަށް ދިޔައީ އާއިލާއާއެކު ޗުއްޓީއަކަށެވެ.
އެކްސިޑެންޓުވި ސައިކަލުގައި އެވަގުތު ދެމީހުން ތިއްބެވެ. ނަމަވެސް އެކްސިޑެންޓުވުމުގެ ކުރިން ފަހަތުގައި އިން 18 އަހަރުގެ މީހާ ވަނީ ސައިކަލުން ފުންމާލައިފައެވެ. އޭނާއަށް ވެސް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.
އަދި ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށާއި، އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެގޮތުން އޭނާގެ އަތާއި ފައި އަދި ހަށިގަނޑުގެ އެކި ތަންތަން ކަނޑައިގެން ގޮސްފައިވާ ކަމަށް އިސްމާއީލް މުހައްމަދު ވިދާޅުވިއެވެ. ކައުންސިލް ރައީސް ވިދާޅުވީ ސައިކަލު ދުއްވަން އިން ޒުވާނާ ވެސް އިތުރު ފަރުވާއަށް ވިލިނގިއްޔަށް ގެންދަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
ކައުންސިލް ރައީސް ވިދާޅުވީ ޗުއްޓީއަށް އެރަށަށް ދިޔަ ބަޔަކަށް މިފަދަ ބޮޑު ދެރައެއް ލިބުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ދާންދޫގައި ހިނގި އެކްސިޑެންޓު މިއަދު 18:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.