ބްރަސަލްސް (ޑިސެމްބަރު 16): ފަގީރު ގައުމުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮގްރާމު ފެއިލްވެދާނެކަމުގެ ބިރުހީވެއްޖެއެވެ.

ފަގީރު ގައުމުތަކަށް ބޭނުންވާ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ވަސީލްތަކާއި ބޭހާއި ވެކްސިން ގަތުމަށް އުފައްދާފައިވާ ފެސިލިޓީ ކަމަށްވާ "ކޮވެކްސް"ގެ ދަށުން ވެކްސިންގެ 2 ބިލިއަން ޑޯޒު ފޯރުކޮށްދިނުމަށް ވަނީ އަމާޒުހިފައިފައެވެ.

އެގޮތުން އަންނަ އަހަރު ނިމުމުގެ ކުރިން އެންމެ ވަލްނަރަބަލް އާބާދީގެ 20 ޕަސެންޓަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން އަންދާޒާކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެފްރިކާ، އޭޝިއާ އަދި ލެޓިން އެމެރިކާގެ ފަގީރު އަދި މެދު ފަންތީގެ އާބާދީ ލިބޭ 91 ގައުމެވެ.

އެ ސްކީމުގައި ރާއްޖެ ވެސް ބައިވެރިވެއެވެ. "ކޮވެކްސް" މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

ނަމަވެސް އެ ޕްރޮގްރާމްގެ ފެއިލްވެ، 2024 ވަނަ އަހަރާ ހަމައަށް ވެސް ފަގީރު ގައުމުތަކުގައި ދިރިއުޅޭ އެތައް ބިލިއަން ބަޔަކަށް ވެކްސިން ނުލިބިދާނެކަމުގެ ބިރު އޮތް ކަމަށް އިންޓާނަލް ޑޮކިއުމެންޓްތަކުން ހާމަވެފައިވާ ކަމަށް ރޮއިޓާސް އިން ވަނީ ބުނެފައެވެ.

ރޮއިޓާސް އިން ބުނީ އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ފަންޑު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އަދި ވެކްސިން ސަޕްލައި ކުރުމުގައި ހުރި ހުރަސްތަކާއެކު ޑަބްލިއުއެޗްއޯގެ އަމާޒަށް ވާސިލްވުމަކީ ނާދިރު ކަމަކަށް ވެދާނެ ކަމަށް، ރޮއިޓާޒް އިން އެނަލައިޒް ކުރި އިންޓާނަލް ޑޮކިއުމެންޓުތަކުގައި ބުނެފައިވާ ކަމަށެވެ.

"ކާމިޔާބު ކޮވެކްސް ފެސިލިޓީއެއް ގާއިމުނުކުރެވި ޕްރޮގްރާމް ފެއިލްވުމުގެ ރިސްކަ ވަރަށް ބޮޑު،" ޑޮކިއުމެންޓެއްގައި ބުނެފައި ވާކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

ރޮއިޓާސް އިން އެނަލައިޒް ކޮށްފައި ވަނީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމަށް ޑަބްލިއުއެޗްއޯ އާއެކު މަސައްކަތް ކުރާ ގަވީ ވެކްސިން އެލަޔަންސްގެ ބޯޑަށް ހުށަހެޅި އިންޓާނަލް ރިޕޯޓެވެ.

މި މަހުގެ 15 ން 17 އަށް ކުރިއަށްދާ ގަވީ ބޯޑް ބައްދަލުވުންތަކުގައި އެ ރިޕޯޓުގެ އިތުރުން އެ ޕްރޮގްރާމާ ގުޅުންހުރި އެހެނިހެން ޑޮކިއުމެންޓްތަކާ ގުޅޭގޮތުން އަންނަނީ މަޝްވަރާކުރަމުންނެވެ.

ރިޕޯޓުގައި ބުނެފައި ވަނީ، އެ ސްކީމް ފެއިލްވުމުގެ ފުރުސަތު ބޮޑީ، އަވަސް އަރުވާލައިގެން ސްކީމް ތައްޔާރުކުރުމުގެ ސަބަބުންނެވެ.

"ކޮވެކްސް" އަށް ހިލޭއެހީގެ ގޮތުގައި ފައިސާ ދީފައިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ބައެއް ގައުމުތަކާއި ބައިނަލްއަގްޥާމީ މާލީ މުއައްސަސާތަކާ އަދި ބައެއް ކުންފުނިތަކާއި މުއްސަނދި ވިޔަފާރިވެރިންގެ ފައުންޑޭޝަންތައް ހިމެނެއެވެ.

ޑަބްލިޔުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް މީގެކުރިން ވިދާޅުވެފައި ވަނީ "ކޮވެކްސް" އަށް ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މިހާތަނަށް ކޮވިޑް ވެކްސިންގެ އެއް ބިލިޔަން ޑޯޒަށް އޯޑަރު ދީ އެ ވެކްސިން ލިބޭނެކަމުގެ ގެރެންޓީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ވެކްސިންގެ އެ އެއްބިލިޔަން ޑޯޒު އަންނަ އަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި ލިބޭނެކަމުގެ ޔަގީންކަން ވެކްސިން އުފައްދާ ކުންފުނިތަކުން ލިބިފައިވާ ކަމަށާ އެކުންފުނިތަކުން ވެކްސިން އުފައްދަމުން ގެންދާވަރަކަށް އޭގެ ޑޯޒުތައް ލިބި ފަގީރު ގައުމުތަކަށް ފޯރުކޮށްދެމުން ގެންދާނެކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ އެހެން މަސްއޫލުވެރިއެއް ކަމަށްވާ ބްރޫސް އައިލްވާޑް މީގެކުރިން ވިދާޅުވި ގޮތުގައި ވެކްސިން އުފެއްދުމުގައި މިވަގުތު އެންމެ ކުރީގައިއުޅޭ ފައިޒާ ވެކްސިންއާއި މޮޑާނާ ވެކްސިންވެސް، ފަގީރު ގައުމުތަކަށް ވެކްސިން ހޯދުމަށް ކުރިޔަށްގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުން ހޯދުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

(ރޮއިޓާސް)