25 Jan 2012, 14:14
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނަގަން ފެށިތާ ހަތަރު މަސް ދުވަސް ވެފައިވާ އިރު ވެސް ޖީއެސްޓީ ނެގުމުގައި ބައެއް ވިޔަފާރިވެރިން އޮޅުވާލާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޖީއެސްޓީ ނަގަން ފެށި ފަހުން ޖީއެސްޓީ ނެގުމުގެ މަކަރު ހެދުމުގެ ޝަކުވާ އަބަދުވެސް މީރާ އަށް ލިބޭ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. މިރާގެ ޑައިރެކްޓާ އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ ޖީއެސްޓީއާ ގުޅޭ ގޮތުން އާންމުކޮށް އަންނަ ޝަކުވާއަކީ ތަކެތީގެ އަގު ޖެހުމުގައި ޖީއެސްޓީގެ ހަ ޕަސެންޓާ އެކު އަގު ޖެހުމަށް ފަހު ކަސްޓަމަރުންނަށް އަންގާފައި ނުހުންނަ މައްސަލަ ކަމަށާއި އެކަމުން ކަސްޓަމަރުންނަށް އޮޅުން އަރާ ކަމަށެވެ.
"ބައެއް ބޭފުޅުން އަގު ޖަހާ އިރު ޖީއެސްޓީ އާ އެކު ޖަހާފައި ހުންނަނީ [އަގު]. އެކަން ކަސްޓަމަރުންނަކަށް ނާންގާ. އަޅުގަނޑުމެން އެހެންވެ މިދިޔަ ހޮނިހިރު ދުވަހު ވެސް ފިހާރަތަކަށް ގޮސް އެކަމަށް ހޭލުންތެރި ކުރުވިން. އަގުތައް އެގޮތަށް ޖަހާ ނަމަ އަންގަން ޖެހޭނެ،" ފަތުހުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެސްޓީގެ ސަބަބުން މުދަލުގެ އަގު ބޮޑުވުމުގެ ޝަކުވާ ވަރަށް ގިނަ ކަމަށެވެ.
"އެކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް،" ފަތުހުﷲ ވިދާޅުވި އެވެ.
މި މަހުން ފެށިގެން ޖީއެސްޓީ އަށް ނަގާ ވަރު ތިން ޕަސެންޓުން ހަ ޕަސެންޓަށް ބޮޑުކުރުމުން ބައެއް ފަރާތްތަކަށް "އޮޅިގެން" ނުވަ ޕަސެންޓުން ޖީއެސްޓީ ނެގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖީއެސްޓީގެ ފުރަތަމަ ކުއާޓާގެ ޕޭމަންޓް ދެއްކުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 29 ވަނަ ދުވަހެވެ.