16 Dec 2020, 18:38
މާލޭ މަޖީދީމަގުގައި އިތުރު ފަޔާ ހައިޑްރަންޓް ސިސްޓަމްތައް ބަހައްޓަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިއީ އަލިފާން ނިއްވުމުގެ މަސައްކަތް ފުޅާކޮށް ފަސޭހަ ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށެވެ. އެ މަސައްކަތް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މަޖީދީމަގުގައި ޖުމުލަ 12 ހައިޓްރަންޓް ބެހެއްޓުމަށް ނިންމާފައިވާއިރު، މިހާތަނަށް ތިން ހައިޑްރަންޓް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މަޖީދީމަގުގެ މާފަންނު މަދަރުސާ ކައިރީގަ އާއި މާފަންނު ސަހަރާ ކައިރީގައި އަދި ޝާރިއުވަރުދީ ކައިރިން މަޖީދީމަގުގައި ހައިޑްރަންޓްތައް ހަރުކޮށް ވަނީ ނިންމައިފަ އެވެ. އަދި، އަސަރީގޯޅި ކައިރިން މަޖީދީމަގުގައި ހަތަރުވަނަ ހައިޑްރަންޓް ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ މަސައްކަތް އަމަލީ ގޮތުން ކުރަނީ ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އަދި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި މަސައްކަތަށް ފަސޭހަކުރުމަށް ފެން ހިއްކަންޖެހޭ ހާލަތްތަކުގައި ފެން ހިއްކުމާއި ސައިޓް ސްޕަވައިޒްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިންނެވެ.
އެމްއެންޑީއެފް އިން ބުނީ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.