ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތަކުގެ ޝަރީއަތް ހަ މަސް ތެރޭ ނިންމުމަށް ލާޒިމްކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެންބަރު މަހުގެ 29 ވީ އާދިއްތަ ދުވަހު އެވެ.

އެ ގާނޫނުގައި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަތުމުގެ ބާރު މީރާއަށް ދިނުމަށް ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ގާނޫނެއްގެ ދަށުން ނުވަތަ ގަވައިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، ފަރުދެއްގެ އަތުން ނުވަތަ ގާނޫނީ ޝަހުސަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ނަގާ ޓެކުހަށް ނުވާ، އަގެއް ނުވަތަ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ ޖޫރިމަނާ ހިމެނެނޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ޓެކްސް އިސްތިސްނާވާ ގޮތަށް ދައުލަތައް ލިބެންޖެހޭ ފައިސާއެއް ދައްކަން ޖެހޭ މުއްދަތުގައި ނުދައްކާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު އޮންނަނީ ބަންޑާރަނައިބަށެވެ. އެގޮތުން އެފަދަ މައްސަލައެއް ޝަރީއަތަށް ހުށެހެޅޭތާ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ބަލައި ޝަރީއަތުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ފައިސާ ހޯދުމަށް ޝަރީއަތަށް ދިޔުމުގެ ކުރިން، ފައިސާ ހޯދުމަށްޓަކައި މީރާއަށް އެޅިދާނެ ފިޔަވަޅުތައްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމާއި ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަ ކުރުމާއި ދައުލަތުގެ އިދާރާތަކުން ހޯދަން އެދޭ ހިދުމަތެއް އެ ފަރާތަކަށް ދިނުން ހިފެހެއްޓުމުގެ ބާރު މީރާއަށް ދީފައިވެ އެވެ.

އެ ފިޔަވަޅުތައް މީރާއިން އެޅުމަށްޓަކައި، އެ އިދާރާއިން އަމަލުކުރާނެ އުސޫލުތައް އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ގަވައިދު ހަދަން ވަނީ ފިނޭންސް މިނިސްޓަރުގެ މަޝްވަރާގެ މަތިންކަމަށް ބަޔާންކޮށްފައިވެ އެވެ.

އެކަންތައްތަކުގެ އިތުރުން، ރާއްޖެ ބައިވެރިވެފައިވާ ޓެކުހާގުޅޭ މުއާހަދާތަކާއި، ޓެކުހާ ގުޅޭ އެނޫންވެސް އެއްބަސްވުންތަކުގެ ދަށުން ބޭރު ގައުމެއްގެ ނުވަތަ ސަރަހަދެއްގެ ޓެކުހާގުޅޭ އިދާރާއާއެކުގައި ޓެކުހާ ގުޅޭ މައުލޫމާތު ބަދަލުކުރުމާއި، އެގޮތުން ބަދަލު ކުރެވޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުތައްވެސް އިތުރަށް ބިލުގައި ހިމަނާފައިވެ އެވެ.

އަދި ރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް މީރާއަށް ހުށަހެޅުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ހޯދުމާއި އެ މައުލޫމާތު ބޭނުންކުރުމާއި، އެހެން ގައުމުތަކާއި ނުވަތަ ސަރަހައްދުތަކާ އެ މައުލޫމާތު ހިއްސާކުރުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ނެގިދާނެ ހާލަތްތައް ގާނޫނާ އެއްގޮތަށް ހަދައި، ކަމާގުޅޭ އުސޫލުތަކާއި ގަވާއިދުގައި ކަނޑައަޅާގޮތަކަށް އެކަން ކުރުމުގެ ބާރު ވެސް މީރާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު، އެ ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އަދި އެ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.