16 Dec 2020, 16:58
އަންނަ މާޗު މަހަށް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބުގައި އިތުރަށް 5،000 އެއްހާ މީހުންނަށް އަލަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެންމެ ފުރަތަމަ މިއަހަރު އެޕްރީލް މަހު ބާއްވަން މަސައްކަތް ކުރި އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް ނެރުނު އިރު، 269،623 މީހުނަށް ވޯޓްލުމުގެ ހައްގުލިބިގެންވެ އެވެ.
އިލެކެޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މި ހަފްތާގައި "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ، ކޮވިޑާ ގުޅިގެން އިންތިހާބު ފަސް ކުރަން ޖެހުމާ އެކު އަލަށް 18 އަހަރު ފުރި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށެވެ.
"ހަތަރެއް އެޕްރީލްގައި ބޭއްވުމަށް ނެރުނު ވޯޓާސް ލިސްޓަށް އިތުރަށް 5،000 އެއްހާ މީހުން އިތުރުވެފައިވާ ކަމަށް އެބަ ދައްކާ އަޅުގަނޑުމެންގެ ތަފާސްހިސާބުން. އެއީ މާޗް 16އާ ހަމައަށް،" ޝަރީފް ވިދާޅުވި އެވެ.
އިންތިހާބު ބާއްވާނެ ތާރީހެއް އަދި މިހާތަނަށް އިލެކްޝަންސް ކޮމީޝަނުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެހެން ނަމަވެސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އަންނަ މާޗު 16 ގައި އިންތިހާބު ބޭއްވުމަށެވެ.
އިންތިހާބު ބޭއްވެން އޮތީ، ކޮވިޑާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެގުމުން ނުވަތަ އިންތިހާބު ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ރަސްމީކޮށް އީސީއަށް ދިނުމުންނެވެ.
ކައުންސިލް އިންތިހާބުގައި 274،600 އެއްހާ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، އެއީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންނާ އަޅާބަލާއިރު، 12،488 މީހުންގެ އިތުރުވުމެކެވެ. ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނީ، 262،135 އަށެވެ. އަދި 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނީ، 255،987 މީހުންނަށެވެ.
ޝަރީފް އަދި ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން މިފަހަރު އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އެހެން އިންތިހާބުތަކާ އަޅާބަލާއިރު މަދުވާނެ އެވެ. އެގޮތުން މިފަހަރު އިންތިހާބުގައި ވޯޓުލާނެ ކަމަށް ލަފާ ކުރެވެނީ 50-60 ޕަސަންޓުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލް އިންތިހާބުގައި އާންމުކޮށް 70 ޕަސަންޓް ވޯޓުލާނެ. މި ޕެންޑަމިކްގައި ލަފާ ކުރެވެނީ ވޯޓާސް ޓާންއައުޓް 50-60 ޕަސަންޓަަށް ތިރިވެދާނެ ކަމަށް ލަފާ ކުރެވޭ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮމިޝަނުން އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ.
"ބޭރަށް ހުޅުވާލައިގެން އާންމު ރައްޔިތުން ހިމަނައިގެން ކުރަން ޖެހޭ ކަންކަން ފިޔަވާ ހުރިހާ ކަމެއް ވަނީ ނިމިފައި. ހަމަ އެކަނި އަލުން ބަލުން ފަށަން ޖެހޭ ކަމަކަށް އޮތީ ވޯޓާސް ލިސްޓް ކަށަވަރު ކުރުން،" ޝަރީފު ވިދާޅުވި އެވެ.