ޖިއްދާ (ޑިސެމްބަރު 16) : ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އެގައުމުން އަންދަމުން ގެންދާތީ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ން އެކަން ކުށްވެރިކޮށްފިއެވެ.

އޯއައިސީ ގެ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނެއް ބުނިގޮތުގައި މަރުވާ މިހުންގެ ހަށިތައް އަލިފާނުން އެންދުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. އަދި ކޮވިޑް ބަލީގައި މަރުވާ ސްރީލަންކާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ މުސްލިމުންގެ ހަށިތައް އެންދުން ހުއްޓާލަންޖެހޭ ކަމަށާ އެކަމަށް އެދި ސްރީލަންކާ ސަރުކާރަށް ގޮވާލާކަމަށްވެސް އޯއައިސީ ގެ ސެކްރެޓޭރިއަޓުގެ ބަޔާން ބުނެއެވެ. މިބަޔާން ސްރީލަންކާ ސަރުކާރަށް ގޮވާލާފައިވަނީ ކޮވިޑް ބަލީގައި މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތަކަށާ އަދި މުސްލިމުންގެ ޖަނަޒާގެ ހައްގުތަކަށް އިޙްތިރާމް ކުރުމަށެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތައް (ބުޑިސްޓުންގެ އިތުރުން މުސްލިމުންނާއި ނަސާރާއިންވެސް ހިމެނޭގޮތަށް) އަލިފާނުން އެންދުމަށް ސްރީލަންކާ ސަރުކާރުން ނިންމީ މިދިޔަ އެޕްރީލްމަހުގެ ތެރޭގައެވެ. އެގޮތަށް ނިންމުމުގެ ސަބަބެއް ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފައިވަނީ ކޮވިޑް ޖެހިގެން މަރުވާމީހުންގެ ހަށިތައް އަންދާނުލައި ވަޅުލާނަމަ އެހަށިތަކުގެ ޒަރީއާއިން އެ ބަލި ފެތުރުމުގެ ފުރުސަތު އޮތުމެވެ. ނުވަތަ އެފަދަ މީހުން ވަޅުލުމުން ބިމުގެއަޑީގައިވާ ފެނަށް އެމީހުންގެ ހަށިތަކުގައި ހުންނަ ކޮވިޑް-19 ގެ ވައިރަހުގެ އަސަރުކުރާނެކަމުގެ ބިރު އޮތުމެވެ.

ނަމަވެސް ކޮވިޑް-19 ޖެހިގެން މަރުވާމީހުންގެ ހަށިތައް ވަޅުލުމަކީ ރައްކާތެރި ގޮތެއްކަމަށާ ހަށިތައް ވަލުލުމުން ފެނުގެ ޒަރީއާއިން ކޮވިޑް ފެތުރޭނެކަމުގެ ހެއްކެތް ނެތްކަމަށް ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ އިން ބުނެއެވެ.

ސްރީލަންކާގެ މުސްލިމުންގެ ޖަމްއިއްޔާތައް ބުނާގޮތުން ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އެންދުމަށް ސަރުކާރުން ނިންމީ ހަރުކަށި ވިސްނުމުގެ ބުޑިސްޓުންގެ ފިއްތުންތަކުގެ ސަބަބުންނެވެ. ހަރުކަށި ބުޑިސްޓުން މިކަމަށް ސްރީލަންކާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރީ މުސްލިމުންނަށް ޖެއްސުންކުރުމުގެ ބޭނުމާއި މުސްލިމުންނާމެދު އެމީހުންގެ ހިތްތަކުގައި އޮންނަ އަދާވާތްތެރިކަމާއި ހަސަދަވެރިކަމުގެ ސަބަބުންކަމަށްވެސް ސްރީލަންކާގެ މުސްލިމުންގެ ޖަމްއިއްޔާތަކުން ބުނެއެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުން ކޮވިޑް ޖެހިގެން މަރުވި ސްރީލަންކާގެ މުސްލިމުންގެ ތެރެއިން 15 މީހެއްގެ ހަށިތަށް އެމީހުންގެ އާއިލާތަކުގެ ދެކޮޅު ހަދަމުން ގެންދަނިކޮށްވަނީ އަންދާލާފައެވެ. އަންދާލި ހަށިތަކުގެ ތެރޭގައި އުމުރުން 20 ދުވަސްވީ ތުއްތު ކުއްޖެއްގެ ހަށިގަނޑުވެސް ހިމެނޭކަމަށް ވެއެވެ. އަދި ކޮވިޑް ޖެހިގެން މަރުވި ސްރީލަންކާގެ ބައެއް މުސްލިމުންގެ ހަށިތައް އަންދާނުލައި މޯޗަރީތަކުގައި މިހާރުވެސް އެބަހުރިކަމަށް ސްރީލަންކާގެ މީޑިއާ ބުނެއެވެ.

މި މައްސަލާގައި ސްރީލަންކާގެ އެތެރެއިން ކުރިމަތިވާ ފިއްތުންތަކާ ގުޅިގެން މުސްލިމުންގެ ހަށިތައް އެންދުން ވަގުތީގޮތުން ހުއްޓާލުމަށް ސްރީލަންކާ ސަރުކާރުން އިއްޔެވަނީ ނިންމާފައެވެ. ކޮވިޑް ޖެހިގެން މަރުވާ ސްރީލަންކާގެ މުސްލިމުންގެ ޖަނާޒާގެ ކަންތަކާއި އެމީހުން ވަޅުލުމުގެ ކަންތައް އަވަށްޓެރި ދިވެހިރާއްޖޭގައި ކުރުމަށްއެދި ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް ހުށަހެޅި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)