ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު (އަބުދުﷲ ގާޒީ) ކިޑްނެޕްކޮށް، ގާނޫނީ ހިމާޔަތުން މަހުރޫމުކޮށް، ނިޒާމުން ގެއްލުވާލުވާލި މައްސަލާގައި ބައިނަލްއަގުވާމީ ފަރާތްތަކަށް ގައުމީ ޕާޓީން ރިޕޯޓެއް ފޮނުވައިފި އެވެ.

ބައިނަލްއަގުވާމީ ފަރާތްތަކަށް ގައުމީ ޕާޓީން ފޮނުވި 36 ސަފުހާގެ ރިޕޯޓްގައި އަބްދުﷲ ގާޒީ އަސްކަރިއްޔާ އިން ގެންދިއުމުގެ ކުރިން ޖުޑީޝަރީ އަށް ބިރުދެއްމުމަށް ސަރުކާރުން ހިންގާ އެމްޑީޕީން ކުރަމުން ގެންދާ ސިލްސިލާ ހަރަތްތަކުގެ މައްޗަށް އަލިއަޅުވާފައިވެ އެވެ. އެގޮތުން ޝަރުއީ ދާއިރާ އަށް ހަޖޫޖެހުމުގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު ރީކޯ މޫސަ މަނިކު ރައްޔިތުންގެ ކޯޓެއް ހަދާފައިވާ ކަމަށެވެ. އަދި އިންތިގާލީ ސުޕްރީމް ކޯޓްގައި ވެސް ތަޅުއެޅުވި މައްސަލަ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މަޖިލީހުގެ ގޮނޑީގެ މައްސަލާގެ އަޑު އެހުމުގައި ސުޕްރީމް ކޯޓް ކުރިމަތީގައި ކުރި އެމްޑީޕީން ކުރި އިހްތިޖާޖުގެ ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައިވެ އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާއާ ދެކޮޅަށް އެފަދަ ސިލްސިލާ އިހްތިޖާޖުތަކެއް އެމްޑީޕީން ކުރަމުންގޮސް އަސްކަރިއްޔާ އިން އަބްދުﷲ ގާޒީ ގެންގޮސްފައި ވަނީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި މުއާހަދާތަކާ ޚިލާފުވެފައިވާ މިންވަރާއި އެކަމާ ބެހޭ ތަފްޞީލް ވެސް ގައުމީ ޕާޓީގެ ރިޕޯޓްގައި ހިމަނާފައިވެ އެވެ.

ގައުމީ ޕާޓީން ބުނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ތައްޔާރު ކުރި ރިޕޯޓު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އާއި ކޮމަންވެލްތް ސެކްރެޓޭރިއޭޓާށާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން އަށާއި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ބާ އެސޯސިއޭޝަންތަކަށާއި އދ.ގެ ކަމާ ބެހޭ އެޖެންސީތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޮޅުބުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކަށާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ޖަމާއަތްތަކަށާއި ވަކީލުންނާ ބޭ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ފަނޑިޔާރުންނާ ބެހޭ ބައިނަލްއަގުވާމީ ޖަމިއިއްޔާތަކަށް ވެސް އެ ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ.

ގައުމީ ޕާޓީން ބުނީ އެ ރިޕޯޓް ޢަރަބި ބަހަށް ތަރުޖަމާކޮށް ޢަރަބި ދުނިޔޭގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.