ބޭންކް އޮފް މޯލްޑިވްސް އިން ބޭރުގެ ބައެއް ފޮރިން ކަރަންސީ ވޮލެޓުތައް އަނެއްކާ ވެސް ބްލޮކްކޮށްފި އެވެ.

މިއީ ރާއްޖެއަށް މި ދުވަސްވަރު ޑޮލަރު ލިބުން ދަތިވެފައިވުމާ އެކު ރާއްޖެއިން ޑޮލަރު ބޭރުވާ މިންވަރު މަދުކުރުމަށް ޓަކައި ބީއެމްއެލްއިން އެޅި ފިޔަވަޅެކެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ބޭރުގެ ބައެއް އޮންލައިން މަނީ ޓްރާންސްފާ އަދި ޑިޖިޓަލް ވޮލެޓް ހިދުމަތްތަކުގައި އެ ބޭންކުގެ ކާޑުތަކުން މުއާމަލާތް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ބްލޮކް ކުރި ޑިޖިޓަލް ވޮލެޓުތަކުގެ ތެރޭގައި ސްކްރިލްއާއި ޓްރާންސްފާވައިސް ވެސް ހިމެނެ އެވެ.

މިގޮތަށް ޑިޖިޓަލް ވޮލެޓްތައް ބްލޮކްކުރި ނަމަވެސް ބްލޮކްކުރާ ޑިޖިޓަލް ވޮލެޓުތަކުން އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އެކަމުގައި ކަސްޓަމަރުންނަށް އިތުރު ލިޔެއް ދިނުމުގެ ގޮތުން 500 ޑޮލަރަށް ވުރެ ކުޑަ ރެމިޓެންސްތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިކަން ތަންފީޒު ކުރުމަށްޓަކައި ބޭރުގެ ޓްރާންސެކްޝަންތަކަށް ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގަވާއިދުން ބަލައި، ބްލޮކް ކުރަން ޖެހިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާ ނުލައި އެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ އެ ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

މި ފިޔަވަޅު އެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޭރު ފައިސާގެ އައުޓްފްލޯ ކޮންޓްރޯލްކޮށް، ކޮންމެހެން ރާއްޖެއަށް އެތެރެކުރަން ޖެހޭ މުދާ ގެނައުމަށްޓަކައި ބޭނުންވާ ވަރަށް ޑޮލަރު ބެހެއްޓުމެވެ.

މީގެ ކުރިން ބީއެމްއެލްއިން ވަނީ ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ބައެއް ސައިޓްތަކާއި، އޮންލައިން ޓްރޭޑިން ސައިޓްތަކެއް ވެސް ބްލޮކްކޮށްފަ އެވެ.