މިއަހަރުގެ ފުޓްބޯޅަ މޫސުމަށް ވީބީން ކުރިމަތިލާ އިރު، ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިރޭ ޒުވާން މިޑްފީލްޑަރެއް ކުލަބާ ގުޅޭނެ ކަމަށް މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.

މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަވި، ވީބީ މިއަހަރުގެ ސީޒަނާ ކުރިމަތިލަނީ ޓީމްގެ ނަން ވީބީ އައްޑޫ އެފްސީއަށް ބަދަލު ކޮށްގެންނެވެ.

ސީޒަނާ ކުރިމަތިލާ އިރު އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ގައުމީ ޓީމާ ދެކޮޅަށް ވީބީ ކުޅުނު ޕްރެކްޓިސް މެޗަށް ފަހު ސަތޯ ބުނީ، ކުރީ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ ސީޒަނާ ވެސް ކުރިމަތި ލާނީ ސީޒަންގެ އެންމެ ކާމިޔާބު ޓީމުގެ ނަން ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ކުލަބްގެ ފަރިތަކުރުންތައް ދުވާލަކު ދެއިރު ކުރިއަށްދާ އިރު، ޓީމް އަދި ވެސް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިރޭ ޒުވާން ކުޅުންތެރިޔަކު ކުލަބާ ގުޅޭނެ ކަމަށެވެ.

"މިރޭ ވީބީއާ ވަރަށް ޒުވާން ކުޅުންތެރިއެއް ގުޅޭނެ. އެއީ އުމުރުން 17 އަހަރުގެ މިޑްފީލްޑަރެއް. އޭނާ އަކީ އައްޑޫ ސިޓީއަށް އުފަން ކުޅުންތެރިއެއް. މިވަގުތު އައްޑޫގައި ހުރި މޮޅެތި ކުޅުންތެރިންގެ ތެރޭގައި އެނާ ހިމެނޭ" މެނޭޖަރު ސަތޯ ބުންޏެވެ.

ސަތޯ ބުނީ، ވީބީ އިއްޔެ ޤައުމީ ޓީމާދެކޮޅަށް ކުޅުނު މެޗަކީ ޕްރެކްޓިސް މެޗެއް ކަމަށާއި މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ. އެހެންނަމަވެސް އިއްޔެގެ މެޗު 3-0 ލަނޑުން ކާމިޔާބު ކުރީ ގައުމީ ޓީމެވެ.

ސީޒަނާ ކުރިމަތިލާ އިރު ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ވީބިން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ސަތޯ ބުނީ ޒުވާން ކުޅުންތެރިން ވީބީއަށް ވަރަށް މުހިންމު ކަމަށާއި ވީބީގެ އަމާޒަކަށް ވެފައި ވަނީ ޒުވާން މޮޅު ފުޓްބޯޅަ ކުޅުންތެރިން މުޖްތަމައު ތެރެއަށް ނެރުން ކަމަށެވެ. އަދި ވީބީން އުފައްދާ ޒުވާން މޮޅު ފުޓްބޯޅަ ކުޅުންތެރިން ގައުމަށް ފާދަކުރާނެ ކަމަށް ވެސް ސަތޯ ބުންޏެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ދެ ކުލަބްކަމަށްވާ ވީބީ އާއި ވިކްޓަރީގެ މެޗުންނެވެ.