މޮރިޝަސްގެ ފަރަށް ޖަޕާންގެ ތެޔޮ ޓޭންކަރު އެރުމުގެ ހާދިސާއަށް ފަހު ޖަޕާނުން މޮރިޝަސްއަށް 289 މިލިއަން ޑޮލަރު ނުވަތަ 30 ބިލިއަން ޔެންގެ ލޯނެއް ދިނުމާމެދު ވިސްނަމުންދާކަމަށް ޖަޕާނުން ބުނެފި އެވެ.

އެކަން ހާމަކޮށްފައިވަނީ ޖަޕާންގެ ފޮރިން މިނިސްޓަރު ޓޮޝިމިސްޓޫ މޮތިގޫ މޮރިޝަސްއަށް ކުރެއްވި ޒިޔާރަތަށް ފަހު އެވެ. އޭނާ ވިދާޅުވީ މޮރިޝަސްއިން ޖަޕާންގެ ކިބައިން އެދިފައިވާ ލޯނުތަކާމެދު ވަރަށް "ޕޮޒިޓިވްކޮށް" ވިސްނާނެ ކަމަށެވެ.

އޭގެ އިތުރުން ޖަޕާނުން ވަނީ ޓޭންކަރު ފަރަށް އެރި ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ ގޮތުން 600 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފަ އެވެ. އޭގެ ތެރޭގައި އެކި ތޫފަންތައްތައް އެރުމުން އެކަން އަންގާ އެލާމް ޑިވައިސްތައް ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

"އަޅުގަނޑު އުއްމީދުކުރަން މޮރިޝަސްގެ ތިމާވެއްޓަށާއި ކޮރޯނާ ވައިރަހާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން ވަރަށް އަވަހަށް އަރައި ގަނެވޭނެކަމަށް،" ޖަޕާންގެ ފޮރިން މިނިސްޓަރު ޓޮޝިމިސްޓޫ ވިދާޅުވި އެވެ.

ހަތަރު ހާސް ޓަނުގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރި ޖަޕާންގެ ޓޭންކަރު ފަރަށް އެރީ މިދިޔަ ޖުލައި މަހު 25ގަ އެވެ. އަދި މިމަހުގެ ހަ ވަނަ ދުވަހު ބޯޓުން ވަނީ 1000 އަށްވުރެ ގިނަ ޓަނުގެ ތެޔޮ ކަނޑަށް ބޭރުވެފަ އެވެ. --