ކޮލަމްބޯ (ޑިސެމްބަރު 16): ކޮވިޑު ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ސަބަބުން އެމީހުންގެ ހަށިގަނޑުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ސްރީލަންކާގެ މަޝްހޫރު ވައިރޮލޮޖިސްޓު، ޕްރޮފެސަރު މާލިކް ޕެއިރިސް ވިދާޅުވެއްޖެ އެވެ.

ލަންކާގެ ދަ އައިލެންޑް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޕެއިރިސް ވިދާޅުވި ގޮތުގައި ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުން ބަލި ފެތުރޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސައިންސުން ބާރުދޭ ވާހަކަތަކެއް ނޫނެވެ. އަދި ވައިރަސް ހަށިގަނޑުގައި އިތުރުވުމަށް ދިރޭ ސެލްތައް ބޭނުންވާ ކަމަށާއި މީހާ މަރުވެ، ސެލްތައްވެސް މަރުވުމުން ވައިރަސްވެސް މަރުވާނެ ކަމަށް ޕެއިރިސް ވިދާޅުވި އެވެ.

ދުނިޔޭގެ 29 ގައުމެއްގައި 2002 އާއި 2004އާ ދެމެދު ފެތުރުނު ސާސް ބަލި ޖައްސާ ބާވަތުގެ ކޮރޯނާވައިރަސް ހޯދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ޕެއިރިސް ވިދާޅުވި ގޮތުގައި ކޮވިޑު ޖެހިފައިވާ މީހުންގެ ގައިން އެންމެ ބޮޑަށް ބަލި ފެތުރޭ ދުވަސްތަކުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެނުމުގެ ކުޑަ ދުވަސްކޮޅެއް ކުރި އާއި އަލާމާތްތައް ފެންނަތާ ހަތަރު ފަސް ދުވަސް ވަރު ހިމެނެ އެވެ.

ޕެއިރިސް ވިދާޅުވި ގޮތުގައި ކޮވިޑުގައި މަރުވާ މީހުން އާއްމު ގޮތެއްގައި މަރުވަނީ ބަލީގެ އަލާމާތްތައް ފެންނަތާ އެކެއް ނުވަތަ ދެ ހަފްތާ ފަހުންނެވެ. އެހެންކަމުން އެހާ ވަރަށް ދުވަސްވާ އިރު ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ވާނެ ކަމަށާއި ހާއްސަކޮށް ހަށިގަނޑުގައި އެންޓިބޮޑީ އުފެދުމުން ބަލި އެހެން މީހެއްގެ ގަޔަށް އެރުން ކުޑަ ވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މަރުވާ މީހުން ވަޅުލާ ގޮތާ ބެހޭ މައުލޫމާތު އެނގިލައްވާ ކަމަށާއި އެގޮތަށް ވަޅުލުމުން ވައިރަސް ފެތުރުމުގެ ނުރައްކާ ވަރަށް ކުޑަ ކަމަށް ޕެއިރިސް ވިދާޅުވި އެވެ.

"ހަށިގަނޑު ވަޅުލަނީ ފެން ނުވަންނަ ގޮތަށް ފޮތި އޮޅާ، ހަ ފޫޓު އަޑީގައި. އެއީ ވަރަށް ރައްކާތެރި ގޮތެއް. އަދި ވައިރަސް ހަށިގަނޑުގައި ހުރެދާނެ ނާދިރު ހާލަތުގައިވެސް އެ ވައިރަސް ފަސްގަނޑުން ފިލްޓާ ވެގެން، ބިމުގެ ފެން ފަށަލައަށް ފޯރުމަކީ ވަރަށް ނާދިރު ކަމެއް،" ޕެއިރިސް ވިދާޅުވި އެވެ.

ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިގަނޑު އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އެއީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ.

އެ ގަވާއިދުގެ ދަށުން ލަންކާއިން ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުވެސް އަންދާތީ ސަރުކާރަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި ބަލީގައި މަރުވާ ބައެއް މުސްލިމުންގެ އާއިލާތަކުން ވަނީ އެ މީހުންގެ ހަށިގަނޑު އެންދުމުގައި ބައިވެރިވި ނުވުމުގެ ގޮތުން، މަރުވާ މީހުންގެ ހަށިގަނޑާ ހަވާލުވާން ދެކޮޅު ހަދާފަ އެވެ.

މީގެ އިތުރުން ކޮވިޑުގައި މަރުވާ މީހުންގެ ހަށިގަނޑު އެންދުމަށް ސަރުކާރުން ނަގާ 48،000 ރުޕީސް (3,951.99 ރުފިޔާ) ދައްކަން މުސްލިމް އާއިލާތަކުން ދެކޮޅު ހަދަ އެވެ.

އެ ފާޑު ކިޔުންތަކާ ގުޅިގެން ލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް އެސޯސިއޭޝަނުގެ ސެކްރެޓަރީ އެމް ބަލަސޫރިޔާ ވަނީ ކޮވިޑުގައި މަރުވާ މުސްލިމުންގެ ހަށިގަނޑު މަޖުބޫރުން އެންދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއްވެސް މީހަކު ހަވާލު ނުވާ ނުވަ މީހެއްގެ ހަށިގަނޑު ކޮލަމްބޯގެ މޯޗާރީގައި މިހާރު އެބަ އޮތް ކަމަށާއި އޭގެ ތެރޭގައި ގިނައީ މުސްލިމުންގެ ހަށިތައް ކަމަށް ވިދާޅުފަ އެވެ.

މީގެ އިތުރުން ލަންކާގެ ބޮޑުވަޒީރު ގޯޓާބަޔަ ރާޖަޕަކްސަ ވަނީ އެގައުމުގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން ވަޅުލުމަށް، ބިމުގެ ފެން ފަށަލަ ތިރި ސަރަހައްދެއް ހޯދުމަށް ސިއްހީ މާހިރުންނަށް އަންގަވާފަ އެވެ. އަދި އެ މަސައްކަތް ނިމި، ފަހު ގޮތެއް ނިންމަން ދެން މުސްލިމުންގެ ހަށިގަނޑު އެންދުން ހުއްޓާލާފައިވާ ކަމަށް ބަލަސޫރިޔާ ވިދާޅުވި އެވެ.

ލަންކާގެ ސަރުކާރުން ވަނީ އެގައުމުގެ މުސްލިމުން ރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަޅުލައިދިނުމަށް އެދިފަ އެވެ. އަދި ދިވެހި ސަރުކާރުން ދަނީ އެ އެހީ ދެވޭނެތޯ ބަލަމުންނެވެ.