ޖެނީވާ (ޑިސެމްބަރު 16) : ފަގީރު ގައުމުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ކުރިޔަށްގެންދާ ޕްރޮގްރާމުގެ ދަށުން ވެކްސިންގެ 2 ބިލިއަން ޑޯޒު ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ. އިން ބުނެފިއެވެ.

އެޖަމްއިއްޔާ އިން ބުނިގޮތުގައި ކޮވިޑް ވެކްސިން ހޯދަނީ ފަގީރު ގައުމުތަކަށް ބޭނުންވާ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ވަސީލްތަކާއި ބޭހާއި ވެކްސިން ގަތުމަށް އުފައްދާފައިވާ ފެސިލިޓީ ކަމަށްވާ "ކޮވެކްސް" އަށް ލިބިފައިވާ ފައިސާއިންނެވެ. "ކޮވެކްސް" އަށް ހިލޭއެހީގެ ގޮތުގައި ފައިސާ ދީފައިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ބައެއް ގައުމުތަކާއި ބައިނަލްއަގްޥާމީ މާލީ މުއައްސަސާތަކާ އަދި ބައެއް ކުންފުނިތަކާއި މުއްސަނދި ވިޔަފާރިވެރިންގެ ފައުންޑޭޝަންތައް ހިމެނެއެވެ.

ޑަބްލިޔު.އެޗް.އޯ. ގެ ޑައިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވިގޮތުގައި "ކޮވެކްސް" އަށް ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މިހާތަނަށްވަނީ ކޮވިޑް ވެކްސިންގެ އެއް ބިލިޔަން ޑޯޒަށް އޯޑަރު ދީ އެ ވެކްސިން ލިބޭނެކަމުގެ ގެރެންޓީވަނީ ކަށަވަރު ކުރެވިފައެވެ. ކޮވިޑް-19 ގެ ވެކްސިންގެ އެ އެއްބިލިޔަން ޑޯޒު އަންނައަހަރުގެ ފުރަތަމަ 6 މަސްތެރޭގައި ލިބޭނެކަމުގެ ޔަގީންކަން ވެކްސިން އުފައްދާ ކުންފުނިތަކުން ލިބިފައިވާ ކަމަށާ އެކުންފުނިތަކުން ވެކްސިން އުފައްދަމުން ގެންދާވަރަކަށް އޭގެ ޑޯޒުތައް ލިބި ފަގީރު ގައުމުތަކަށް ފޯރުކޮށްދެމުން ގެންދާނެކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ އެހެން މަސްއޫލުވެރިއެއް ކަމަށްވާ ބްރޫސް އައިލްވާޑް ވިދާޅުވި ގޮތުގައި ވެކްސިން އުފެއްދުމުގައި މިވަގުތު އެންމެ ކުރީގައިއުޅޭ ފައިޒާ ވެކްސިންއާއި މޮޑާނާ ވެކްސިންވެސް ، ފަގީރު ގައުމުތަކަށް ވެކްސިން ހޯދުމަށް ކުރިޔަށްގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުން ހޯދުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ކޮވެކްސް ފެސިލިޓީގެ އަމާޒަކީ 2021 ނިމުމުގެ ކުރިން ފަގީރުގައުމުތަކަށް ޖުމްލަ 2 ބިލިއަން ވެކްސިން ފޯރުކޮށް ދިނުންކަމަށާ މިކަމަށްޓަކައި ކޮވިޑް ވެކްސިން އުފެއްދުމުގައި ކުރީގައި އުޅޭ ހުރިހާ ކުންފުނިތަކާއެކުވެސް ޑަބްލިޔުއެޗްއޯ އިން ވާހަކަ ދައްކަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)