16 Dec 2020, 11:50
ޕްރޮސިކިއުޓާ ޖެނެރަލް އޮފީސްއަކީ ސަރުކާރުގެ ކުށްތައް ފޮރުވާ އިދާރާއެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތުކުރައްވައިފި އެވެ.
ޖަމީލް އެފަދައިން ވިދާޅުވީ ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓް ހިފަހެއްޓި މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާ ގުޅިގެންނެވެ.
ސަރުކާރަށް ދެ އަހަރުވީއިރު އެމްއެމްޕީއާރުސީގެ ފައިސާ ހޯދަން ކުރި މަސައްކަތާ މެދު ޖަމީލު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
"އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި ދެ މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ؟ ދަޢުވާކުރާ ގޮތުން ފެންނަނީ ވަކި ބަޔަކަށް ޢަމާޒުކުރާތަން. ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް!" ޖަމީލްގެ ޓުވީޓުގައިވެ އެެވެ.
އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ އިން އޭރުގެ މަޖިލިސް މެމްބަރުނަށް ލިބުނު ކަމަށް ތުހުމަތު ކުރެވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމް އާއި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ވެސް ހިމެނޭ ކަމަށް ތުހުމަތު ކުރެ އެވެ.
އެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް 20 އަަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް އަދީބުގެ ސިއްހީ ހާލަތު ތަންނުދޭ ކަމަށް ބުނެ އޭނާ ހުންނަވަނީ ގޭގައި ބަހައްޓައިފަ އެވެ. ހަމަ އެ ހިޔާނާތާ ގުޅިގެން ޒިޔަތަށް ވަނީ 11 އަހަރުގެ ޖަލުގެ ހުކުމެއް އިއްވައިފަ އެވެ.