ރާއްޖެއިން ބޭރުން އަންނަ ދިވެހިން ރާއްޖެ އަންނަ އިރު 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތް ނަމަ، އެ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި އޮންނަ ގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް ޕީސީއާރު ނެގެޓިވް ނަތީޖާ އެއް ބޭނުމެއް ނުވެ އެވެ. އެފަދަ ފަރާތްތަކުން ޖެހެނީ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރާށެވެ.

އުސޫލަށް ބަދަލު ގެނެސް އެޗްޕީއޭ އިން މިއަދު އާންމުކުރި އިއުލާނުގައި ބުނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ރާއްޖެ އަންނަ މީހުން ދަތުރު ފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް ބޭނުންވާނެ ކަމަށެވެ. ނަމަވެސް އެއް އަހަރު ނުފުރޭ ކުދަކުދިން މިކަމުން އިސްތިސްނާވާނެ ކަމަށް ބުނެފައިވެ އެވެ.

ނެގެޓިވް ނަތީޖާއާއެކު އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ ދިވެހިން މާލެ ސަރަހައްދަށް އަންނަ ނަމަ 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާކަށް ނުޖެހޭނެ އެވެ. ނަމަވެސް އެދެވިގެންވަނީ 10 ދުވަހަށް ގޭގައި އުޅޭއިރުވެސް މާސްކުއެޅުމާއި އެކަހެރިވެ ތިބުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިގޮތަށް އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް އޭގެ ކުރިން ރާއްޖެއިން ބޭރުން މާލެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ޕީސީއާރު ޓެސްޓު ހަދައި، ނަތީޖާ ލިބެންދެން ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށާއި ޕީސީއާރު ނެގެޓިވް ގެންނަ މީހުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

ނަމަވެސް ރާއްޖެއިން ބޭރުން އައިސް ރަށްރަށަށް އަދި ރިސޯޓުތަކަށްދާ ފަރާތްތަކުން އަދި މާލެ ސަރަހައްދަށް އަންނަ މީހުންގެ ތެރެއިން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ އެވެ. މިފަދަ ފަރާތްތައް ކަރަންޓީނުން ދޫކުރާނީ 10 ދުވަހަށްފަހު ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު މާލެ ސަރަހައްދުގައި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ތިބި މީހުންގެ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުން ދޫކޮށްލާނެ ކަމަށެވެ. އެފަދަ ފަރާތްތަކުގެ ޓެސްޓު ހެދުމުގެ އިންތިޒާމު އެޗްޕީއޭ އިން ހަމަޖައްސާނެ ކަމަށްވެސް ބުންޏެވެ.